ދިވެހިރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާއި ދެމެދު ޖީ-20 ޑެބްޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސަރުކާރުން އެމެރިކާގެ ސަރުކާރަށް ދައްކަން ޖެހޭ އެއް ލައްކަ ޑޮލަރުގެ ލޯނު ދެއްކުން ވަނީ ފަސްކޮށްދީފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު އުމަރު އަބްދުއްރައްޒާގުއެވެ. އަދި އެމެރިކާގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އެލެއިން ޓެޕްލިޓްޒްއެވެ.
މި އެއްބަސްވުމާއެކު ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
އެމެރިކާއިން ވަނީ އެހެން ގައުމުތަކުން ވެސް ކުދި ގައުމުތަކަށް ކޮވިޑާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.