އައު އަހަރަށް މަރުހަބާ ކިޔުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގެ ރިސޯޓުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދެ އެވެ. އަދި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައިވެސް އައު އަހަރު ފާހަގަކުރުމަށް މީގެކުރިން ވަނީ ހަވާއަރުވާފަ އެވެ.
އެމްއެންޑީއެފުން ބުނީ، އައު އަހަރު ފާހަގަކުރުމަށް ސިފައިންގެ ވެލްފެއަރ ކުންފުނި ސިފްކޯއިން ވިޔަފާރި އުސޫލުން ރާއްޖޭގެ 43 ރިސޯޓެއްގައި ހަވާ އެރުވުން ކުރިއަށްގެންދާނެކަމަށެވެ. އަދި ހަވާ އެރުވުމަށްވާންޖެހޭ ފަހުގެ ތައްޔަރީތައް ނިމިފައިވާކަމަށް ސިފްކޯއާއި ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.
އައު އަހަރު ފާހަގަކުރުމަށް މާލެ ސަރަހައްދުގައިވެސް މީގެކުރިން ހަވާއަރުވާއިރު، އެމްއެންޑީއެފުން ބުނިގޮތުގައި މި އަހަރުގެ އައު އަހަރު ފާހަގަކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައެއް ނުވެ އެވެ.
ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑާއެކު 2020 ވަނަ އަހަރު ނިންމާލާއިރު، އުއްމީދުކުރިވަރަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖޭގެ ރިސޯޓުތައް ވަނީ ފުރާލާފަ އެވެ. އަދި އަޑިއަޅާލި ރާއްޖޭގެ އިޤްތިސާދު އާރާސްތުވަމުން އަންނަ މަންޒަރުތައް ވަނީ ފެންނަން ފަށައިފަ އެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެއަށް ހުއްޓުން ގެނުވިއުރު، 2020 ވަނަ އަހަރު ނިންމާލާއިރު ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއް ވަނީ ޕްރައިވެޓް ޖެޓުތަކުންވެެސް ފުރާލާފަ އެވެ.