ލ. އަތޮޅު ވަޑިނޮޅު ކަނޑު ތެރެއިން މަސް ދޯންޏެއް ހައިޖެކް ކުރި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި 26 މީހަކަށް ދައުވާކުރުމަށް ނިންމައިފިއެވެ.
މަސްވެރިކަން އުޅުނު "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.
މިއަދު ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި 26 މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ. މި މީހުންގެ މައްސަލަ މިހާރުވަނީ ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ.
އެހެން ނަމަވެސް ދޯނީގެ ވެރިފަރާތުން ވަނީ ދޯނި "ހައިޖެކް" ކޮށްފައިވާ ކަމުގެ ތުހުމަތުތަކަށް ރައްދު ދީފައެވެ. ދޯނީގެ ވެރި ފަރާތުން ބުނީ އާއިލާގެ ބައެއް މީހުންނާއި އަދި ހެޔޮއެދޭ ރަހުމަތްތެރިންނާއެކު ދޯންޏަށްގޮސް ސުލްހަވެރިކަމާއެކު ހަވާލުކުރުމަށް އެދުނުކަމަށާއި ދޯނީގެ ފަޅުވެރިންނާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއްނުވާ ކަމަށެވެ.
ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ދޯންޏާއި ހަވާލުވުމަށް ދިޔައީ ދޯންޏަށް ދައްކަން ޖެހޭ ފައިސާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއިން ގަވާއިދާއި އެއްގޮތަށް ދައްކަމުން ނުދާތީއެވެ. މިކަން އަބްދުﷲ ޖާބިރު ވަނީ ދޮގުކޮށްފައެވެ.