ރައީސް ސޯލިހް، ހދ، ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހދ. ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުމުންދޫގައި ކުރިޔަށްގެންދާ މަޝްރޫއުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މަޝްރޫއުތަކެއް ކަމުގައި ކުމުންދޫ ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ކުމުންދޫ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކުމުންދޫ ކައުންސިލުގެ މެންބަރުން ވަނީ ކުމުންދޫގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ މައްސަލަތަކާ ބެހޭގޮތުން ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ އެތައް އަހަރެއްގެ ތެރޭގައި ނުކުރެވޭހާ ގިނަ ތަރައްގީގެ ކަންކަން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެރަށަށް ހާސިލުވެފައިވާކަން ފާހަގަކުރައްވާފައި ވެއެވ.

ކުމުންދޫ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ރަށުގެ ބަނދަރަށް ވަދެ ނިކުމެ ވުމުގައި ހުރި ދަތިކަމުގެ މައްސަލައެވެ. އަދި، ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާއި، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ވިޔަފާރިޔާ އިޖްތިމާއީ ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެެ.

މި ބައްދަލުކުރެއްވުުގައި ރަށު ކައުންސިލުން ވަނީ ރަށުގެ މާސްޓަރ ޕްލޭންގެ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

ރައީސް ސޯލިހް، ހދ، ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހާ ބައްދަލުކުރައްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނެތުމުން ދިމާވާ ދަތިތައް ވަނީ ފާހަގަކޮށްފައެވެ. އަދި، ރަށުގައި ދަނޑުވެރިކަންކުރާ އަންހެނުންނަށް، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓްކުރާނެ ގޮތްތަކެއް ފަހިކުރުމާއި ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނދަރުގެ ނެރުގެ މައްސަލައަކީ ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ހެލްތު ސެންޓަރާއި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތާއި އަދި ސްކޫލާއި ގުޅިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި ކުމުންދޫ ރައްޔިތުން އެދޭފަދައިން އެރަށުގައި ފޮލިސް ޕޯސްޓެއް ގާއިމު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *