ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް 12 ވައްތަރެއްގެ ސިންގަލް-ޔޫޒް ޕްލާސްޓިކް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެމަނިކުފާނު މި ގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ގޮތުގައި އެމަނިކުފާނު ކަނޑައަޅުއްވާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
އެގޮތުން މަނާކުރުމަށް ކަނޑައަޅާފައިވާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކާއި އަދި މަނާކުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކަކީ؛
- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ހޮޅި، 1 ޖޫން 2021 އިން ފެށިގެން
- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، 1 ޖޫން 2021 އިން ފެށިގެން
- ބާޒާރުކުރަން ބޭނުންވާ 30 ސެންޓިމީޓަރަށްވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު (ޑީގްރޭޑަބަލް ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)، 1 ޖޫން 2021 އިން ފެށިގެން
- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (ޑީގްރޭޑަބަލް ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)، 1 ޑިސެމްބަރު 2022
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ، 1 ޖޫން 2021
- 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި، 1 ޖޫން 2021
- ޕްލާސްޓިކް ދަނޑިކޮޅު ލާފައި ހުންނަ ކަފަބުރު، 1 ޖޫން 2021
- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި، 1 ޖޫން 2021
- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި، 1 ޑިސެމްބަރު 2022
- ރާއްޖެއަށް އިމްޕޯޓްކުރާ 500 މިލިލީޓަރަށްވުރެ ކުދި ، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި، 1 ޖޫން 2021
- ރާއްޖެއަށް އިމްޕޯޓްކުރާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، ޕީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، 1 ޑިސެމްބަރު 2023
ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމެވެ. އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން މި ސިޔާސަތު ތަންފީޒުކުރުމަށް ރައީސް ސޯލިހު މި ނިންމެވި ނިންމުމާއެކު އަހަރެއްގެ ތެރޭގައި ރާއްޖޭއިން އުފައްދާ ޕްލާސްޓިކް ކުނީގެ އަދަދު ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ.