އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.
އެކޯޓުން މިއަދު ވަނީ އަންނަ އަހަރު ކައިވެނި ކޮށްދޭނެ ގަޑިތައް ހާމަކޮށްފައެވެ. އަދި ރަމަޟާން މަހު ކައިވެނި ކޮށްދޭނެ ގަޑިތައް ފަހުން އާއްމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
އަންނަ އަހަރު ކޯޓުގައި ކައިވެނި ކުރާނަމަ ހެނދުނު 08:30 އިން 11:30 އަށް އަދި މެންދުރުފަހު 13:00 އިން 13:45 އަށް ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުރަސްމީ ގަޑީގައި ކައިވެނި ކުރާނަމަ ހަވީރު 16:00 އިން ރޭގަނޑު 21:30 އަށް ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.
ކޯޓުން ބޭރުގައި ކައިވެނިކުރާނަމަ އަންނަ އަހަރުގެ އެޕްރީލް 13 އިން މެއި 19 އަށް ކައިވެނިކޮށްދޭނީ ރޭގަނޑު 21:45 އިން 22:45 އަށް ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. އަދި ޖުލައި 16 އިން ޖުލައި 27 އަށް ކައިވެނިކޮށްދޭނީ ރޭގަނޑު 20:00 އިން 21:30 އަށް ކަމަށް ވެސް އެ ކޯޓުން ހާމަކޮށްފައިވެއެވެ. އަދި އެހެން ހުރިހާ ދުވަހެއްގައި ވެސް ހަވީރު 16:00 އިން ރޭގަނޑު 21:30 އަށް ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.