ދީބާޖާ އިންވެސްޓްމަންޓްސްއާއި ދައުލަތާއި ދެމެދު ވެފައިވާ އެއްބަސްވުމެއް ދައުލަތުން ބާތިލުކުރުމާއި ގުޅިގެން އޭގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅުނު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްއަށް ނާޖާއިޒު މަންފާވެފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމިއްލަ ފަރާތަކުން މައްސަލަ ހުށަހަޅައިފިއެވެ. 

ޖަޒީރާ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އުޝާމްއާ ދެކޮޅަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ އިސްތިއުނާފްނުކޮށް ދީބާޖާއަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އުޝާމް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލަ ހުށަހެޅި ފަރާތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 348،995،154ރ (ތިންސަތޭކަ ސާޅީސް އަށް މިލިއަން ނުވަ ލައްކަ ނުވަދިހަފަސްހާސް އެއް ސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމިއިރު ބަންޑާރަނައިބުގެ އޮފީހުން އެ މައްސަލައާ ގުޅޭ އެންމެހާ ކަންކަމާއި ހަވާލުވެފައިވަނީ އުޝާމް ކަމަށް ބުނެފައެވެ. 

އަދި މި މައްސަލަ އިސްތިއުނާފް ކުރަން ޖެހޭ މުއްދަތަށް އިސްތިއުނާފްކޮށްފައި ނުވަނީ އުޝާމްގެ އަމުރަށް ކަމަށް އެފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ. އެގޮތުން މައްސަލަ އިސްތިއުނާފް ކުރުމަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ވެސް އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށާއި އެކަމުގެ ސަބަބުން ސިވިލް ކޯޓުގެ ހުކުމް އޮންނަ މުއްދަތުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ނުވާތީ އެއީ ނިހާއީ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. 

ހަމައެހެންމެ މި މައްސަލައާ ބަންޑާރަނައިބުގެ އޮފީހުން ހަވާލުވި ވަކީލު އެކި ތަންތަނުގައި މި މައްސަލަ އިސްތިއުނާފްނުކޮށް ލަސްކޮށްފައިވަނީ އުޝާމްގެ އަމުރަށް ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ކަމަށާއި އަދި އުޝާމްއަށް މަންފާވެފައިވާ ކަމަށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް މި މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވެއެވެ. އަދި ދީބާޖާއަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އުޝާމް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފައިވެއެވެ. 

ދީބާޖާގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމާލާފައެވެ. މި މައްސަލަ މިހާރު ސުޕްރީމް ކޯޓުން ބައްލަވަމުން އަންނަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި މައްސަލާގައި ދައުލަތުން އެދިފައިވަނީ ބަދަލު ދޭން ޖެހޭ ގޮތަށް ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެ. ހައިކޯޓުން ވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ސިވިލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.