އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް މެންޗެސްޓަރ ޔުނައިޓެޑް ޖެހިލައިފިއެވެ. 

އަމިއްލަ ދަނޑުގައި ވުލްވްސްގެ މައްޗަށް އެޓީމުން ކުރި ހޯދީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހޭއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބްރޫނޯ ފަނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ. 

ޕްރިމިއަރ ލީގުގައި އާސެނަލްއިން ވެސް ވަނީ 1-0 އިން ބްރައިޓަން ބަލިކޮށްފައެވެ. މި މެޗުގައި އާސެނަލްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެލެކްޒެންޑާ ލަކަޒެޓްއެވެ. ބާންލީ އިން 1-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރިއިރު ސައުތުހެމްޕްޓަން އަދި ވެސްޓް ހަމް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ލީޑްސްއިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެސްޓް ބްރޮމް ބަލިކޮށްފައެވެ. 

ޕްރިމިއަރ ލީގުގެ އެއްވަނާގައި 32 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެވަނާގައި 30 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑްއެވެ. އެއް މެޗު އިތުރަށް ކުޅެގެން 29 ޕޮއިންޓާއެކު ލެސްޓާ ސިޓީ އޮތްއިރު ލަނޑުގެ ތަފާތުން ހަތަރުވަނާގައި އޮތީ އެވަޓަންއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.