އުޒްބަކިސްތާން އެއަރވޭސްއިން ދިވެހިރާއްޖެއަށް ދަތުރުތައް އަނެއްކާވެސް ފަށައިފިއެވެ.
މިއަދު އުޒްބަކިސްތާން އެއަރވޭސްގެ ފުރަތަމަ ފްލައިޓް ދިވެހިރާއްޖެއަށް އައިސްފައިވާއިރު، މި ފްލައިޓްގައި 266 ފަތުރުވެރިން ދިވެހިރާއްޖެއަށް އައިސްފައިވެއެވެ. އުޒްބަކިސްތާންގެ ވެރިރަށް ތަޝްކެންޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ވަނީ ނިންމާފައެވެ.
އުޒްބަކިސްތާންގެ ގައުމީ އެއަރލައިން، އުޒްބަކިސްތާން އެއަރވޭސްއިން މާރޗު މަހުގެ ނިޔަލަށް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުރިންވެސް ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށް އުޒްބަކިސްތާން އެއަރވޭސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ކޮށްފައިވެއެވެ.
ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ ނިޒާމު މުޅިންހެން ހުއްޓުމަކަށް އައިސް، ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު މިހާރު ހުޅުވާލާފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖެއަށް ދާދިފަހުން ވަނީ އިންޓަނޭޝަނަލް ޓްރެވަލް އެވޯރޑްސްގައި ބެސްޓް އިންޓަނޭޝަނަލް އައިލެންޑް ހޮލިޑޭ ޑެސްޓިނޭޝަންވެސް ލިބިފައެވެ.