ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. 

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމުގައިވާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ނިހާންއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އޭނާގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވީ އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަކަށްފަހުއެވެ. 

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ
މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މީނާގެ މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް
ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަޙްމަދު
އަދީބު ޢަބްދުލްޣަފޫރު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ
ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށެވެ. އަދި އަޙްމަދު ނިހާން ޙުސައިންމަނިކުއަށް ލިބިފައިވާ މި ފަދަ އެއްވެސް
ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމާށައި މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން އަޙްމަދު ނިހާން ޙުސައިންމަނިކު ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ
އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. 

މި މައްސަލާގައި ހުށަހެޅުނު ހެކި ޤަރީނާއަށް ރިޢާޔަތްކޮށް އަޙްމަދު ނިހާން ޙުސައިންމަނިކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި
އެ ދަޢުވާތަކުގެ ތަފްސީލު: 

1) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ. 

އަޙްމަދު ނިހާން ޙުސައިންމަނިކުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ
ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ އެއްސަތޭކަ ފަންސާސްހާސް އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީއެވެ. 

2) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ. 

އަޙްމަދު ނިހާން ޙުސައިންމަނިކުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ހައިސިއްޔަތުން، އަޙްމަދު އަދީބު
ޢަބްދުލްޣަފޫރު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން މީނާއަށް ޝައްކުކުރެވެންޖެހޭ ޙާލަތުގައި، އަޙްމަދު އަދީބު
ޢަބްދުލްޣަފޫރު މެދުވެރިވެގެން އެއްސަތޭކަ ފަންސާސްހާސް އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި
އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީއެވެ. 

3) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ. 

 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ
މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި
ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ
މަޤާމުގައި ހުރި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު ނިހާން އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. 

4) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ. 

މި ދައުވާ އުފުލާފައިވަނީ 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ
މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި
ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ
މަޤާމުގައި ހުރި ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދުމުން، ކ.މާލެ، މ. ވިލާދަށުގެ މުޙައްމަދު މަނިކު
މެދުވެރިކޮށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީއެވެ. 

5) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ. 

މި ދައުވާ އުފުލާފައިވަނީ އަޙްމަދު ނިހާން ޙުސައިންމަނިކު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެން ބަރުކަމުގެ ހައިސިއްޔަތުން އަދާ
ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ
މުޤާބިލުގައި ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދިފައިވާތީއެވެ. 

6) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ. 

މި ދައުވާ އުފުލާފައިވަނީ އަޙްމަދު ނިހާން ޙުސައިންމަނިކު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެންބަރުކަމުގެ ޙައިޞިއްޔަތުން އަދާ
ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ
މުޤާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދުމުން،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީއެވެ.

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އޭރުގެ މަޖިލިސް ގިނަ މެންބަރުންނަށް ބޮޑެތި އަދަދުން ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. ކޮމިޝަނުން ދަނީ އެފަދަ ގިނަ މެންބަރުންގެ މައްސަލަ ބަލަމުންނެވެ.

ކޮރަޕްޝަންގައި އެންމެ ބޮޑަށް ޝާމިލުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަނުން މަންފާވި މީހުން ދައުލަތަށް ހާމަކުރައްވަމުންނެވެ. ނުހައްގު މުއްސަނދިކަން ހޯދި މީހުން އެފަދަ އެސެޓްތައް ވެސް އަދީބު ހާމަ ކުރައްވައި ހެކިތައް ވެސް ދަނީ ދައުލަތަށް ފޯރުކޮށްދެއްވަމުންނެވެ.

ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނެވުމަށްފަހު ސަރުކާރު ބަދަލުވުމާއެކު، ނިހާން ވަނީ މިހާރުގެ ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މައިދާނުގައި ނިހާންގެ އަޑު ވަނީ މަޑުވެފައެވެ. އޭނާގެ އުފަން ރަށް، ތިނަދޫގެ މަޖިލިސް ގޮނޑިއަށް ވެސް ނިހާން ވާދަ ކުރެއްވި ނަމަވެސް ވަނީ ނާކާމިޔާބުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *