އޭނާ ދިޔަ ކޮންމެ މާހައުލަކުން ވެސް ކުރިމަތިވީ ޖިންސީ އަނިޔާގެ ވޭނީ ތަޖުރިބާތަކެވެ. އޭނާގެ ހަޔާތް ވަށާލާފައި އޮތީ އެ ވޭނުގެ އުދާހުގައެވެ. އޭނާގެ ހަޔާތަކީ ރަހުމުކުޑަ ޖަލެކެވެ. މިހާރު އޭނާގެ ހަޔާތަކީ މާފުށީ ޖަލެވެ. އަލަތު ދަރިފުޅަށް އަނިޔާކޮށް މަރާލި ކަމުގެ ތުހުމަތުގައި ޖަލުގައި ފަސް އަހަރު ހޭދަކުރި ފަހުން ކުށް ސާބިތުވެ، 20 އަހަރަށް އެ ވަނީ ޖަލަށްލާފައެވެ. ފަހަރުގައި އެ ޖަލަކީ އޭނާއަށް ކުރިން އުޅުނު ޖަލަށްވުރެ ލުއި ޖަލަކަށްވުން ވެސް އެކަށީގެންވެއެވެ. ކުރިން އޭނާ އުޅެމުންދިޔަ ރަހުމުކުޑަ ޖަލުން އޭނާ މިންޖުކޮށް ނުދިނީ މި މުޖުތަމުންނެވެ. އޭގެ ޝާމިލުވާ ކުށްވެރިންނަކީ މުޅި މި މުޖުތަމައުއެވެ. 

އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލުމަކީ ދިވެހިން ސިއްސުވާލި ހާދިސާއެކެވެ. އެ ކުޑަކުޑަ ފުރާނައަށް ލިބިފައިވާ އަނިޔާތަކަކީ މަންމައެއްގެ ފަރާތުން ލިބޭނެ ކަމަށް މީހަކު ހިތަށް ވެސް ނާރާނެ ފަދަ ބޮޑެތި އަނިޔާތަކެވެ. އެ ފުރާނައަށް މަންމަގެ އެ ނަފުރަތާ ކުރިމަތިނުލެވިގެން މި ދުނިޔެއަށް ދޫކޮށް ދިޔައީއެވެ. މަންމަގެ އެ ނަފުރަތުގެ ފަހަތުގައި އޮތީ ކޮން މާޒީއެއް ކަމެއް ވެސް އެ ތުއްތު ފުރާނައަކަށް ނޭނގޭނެއެވެ. 

އާފިޔާގެ އުމުރުން ވަރަށް ހަގުއިރު އޭނާގެ ބައްޕަ މަރުވިއެވެ. އޭގެ ފަހުން އޭނާގެ ދިރިއުޅުން ވެއްޓެމުން ދިޔައީ ބިޔަ އަނދަވަޅަކަށެވެ. މަންމަގެ ފަރާތުން އަނިޔާ ލިބެން ފެށިއެވެ. އޭރު އެކުގައި ދިރިއުޅެމުން ދިޔަ، ބޮޑުދައިތައެއްގެ ފިރިމީހާގެ ޖިންސީ ވަކިތަކުގެ ޝިކާރައަކަށް ޅަ އުމުރުގައި އާފިޔާވެގެންދިޔައެވެ. ނުބައި ދުނިޔޭގެ ކުލަ މަތި އޭނާއަށް ފެނުނެވެ. އެ ވޭނީ އާދޭސްތައް، ރަނގަޅަށް ހެޔޮ ބުއްދި ނުލިބޭ އުމުރުގައި މަންމައަށް ކިޔައިދިނުން ގަބޫލެއް ނުކުރިއެވެ. ބަދަލުގައި ރަށު ތެރޭ ފަލީހަތްކުރީ އާފިޔާއެވެ. އެއްޗެއް ނުބުނެ، އަނގަ މަޑުކޮށްގެން ހުންނަން އޭނާއަށް ދަސްކޮށްދިނެވެ. 

އެގޮތުގެ މަތީ ހުރެ މާލޭއަށް ކިޔަވަން އަޔެވެ. އޭނާ ވެސް ކުރިމަގާމެދު ދެކޭނީ ވަރަށް އުޖާލާ ތަސައްވަރެކެވެ. މާލޭގެ ފަސްގަނޑުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށް އުއްމީދު ކުރެވުމަކީ ވެސް އާފިޔާގެ ކުށަކަށްވިއެވެ. ކިޔަވަން ހުރި ގެއިން ވެސް އޭނާއަށް ކުރިމަތިވީ ޖިންސީ ފުރައްސާރަ އާއި ގޯނާއެވެ. އޭނާގެ ވެގެން ދިޔައީ ކޮންމެ މީހަކު ވެސް ބޭނުންކޮށްލަން ހުންނަ ބުދެއްގެ ގޮތުގައެވެ. އޭރު އޭނާއަށް ދަސްވެފައިހުރީ ބަހެއް ނުބުނެ ހުންނާށެވެ. އެކަމުގައި ވެސް ހިތްވަރުކޮށް އޭނާ އެނބުރި ރަށަށް ދިޔައީ ކިޔަވާ ނިންމައިގެންނެވެ. އާ ހަޔާތެއް ފަށާށެވެ. އެކަމަކު އޭނާގެ އާ ހަޔާތަށް ހުރަސް އެޅީ އޭނާގެ މަންމަގެ އާ ހަޔާތެވެ. 

އާފިޔާ އެނބުރި ރަށަށް ދިޔައިރު، މަންމަ ކައިވެނިކޮށްގެން އުޅެނީ އިސްމާއިލް ރައޫފާއާއެވެ. އިސްމާއިލް ރައޫފަކީ އިބްތިހާލަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ދައުވާކޮށް މިހާރު ވެސް ޖަލުގައި ހުރި މީހެކެވެ. އިސްމާއިލް ރައޫފްގެ އެ ނުބައި ކަމުގެ ތެރެއަށް އާފިޔާ ވައްޓާލީ ހުދު އޭނާގެ މަންމައެވެ. އެ ދެ މަފިރިން ވެގެން އާފިޔާ ލައްވާ ހަށިވިއްކަން ފެށިއެވެ. ހުރިހާ ފައިސާއެއް އެ ދެ މަފިރިންނަށެވެ. ދުވާލެއްގެ މައްޗަށް އެތައް ފިރިހެނުންނެއް އާފިޔާގެ އެނދަށް ވައްދައެވެ. ނުވިތާކަށް މަންމަގެ ކުރިމަތީ، އިސްމާއިލް ރައޫފް ވެސް އާފިޔާއާމެދު އެ އަމަލު ހިންގަން ފެށިއެވެ. ގަދަހަދާނަމަ، އަނިޔާކުރަން ހުންނަނީ މަންމައެވެ. ކުޑަކުޑަ އާބާދީއެއް އޮތް ރަށެއްގައި ހިނގައި ދިޔަ ކަމެކެވެ. އާފިޔާގެ އެނދަށް ވަންނާނެ މީހުން ކިޔު ޖަހާފައި އޮތަސް އާފިޔާގެ ހާލު ބަލާލާނަމޭ ހިތަށް އެރި މީހަކު ވެސް ނެތެވެ. އިބްތިހާލަށް އާފިޔާ ބަނޑުބޮޑުވީ އެކަމުގެ ތެރޭގައެވެ. އިބްތިހާލު ވައްޓާލުމަށް އިސްމާއިލް ރައޫފާއި އާފިޔާގެ މަންމަ ވަރަށް މަސައްކަތް ކުރިއެވެ. ރޯ ފަޅޯ ކާންދީ، ފަނޑިތަ ވެސް ހެދިއެވެ. އެކަމަކު، އަލަށް ބަލިވެ އިން އާފިޔާ ދަރިފުޅު ވައްޓާލަން ބޭނުމެއް ނުވިއެވެ. އޭނާ ދިރިއުޅުން ރަކީދޫއަށް ބަދަލުކުރީ އެހެންވެއެވެ. 

އާފިޔާގެ ފިރިމީހާއާ ބައްދަލުވީ އިބްތިހާލަށް މާބަނޑުއިރު ރަކީދޫއިންނެވެ. ފިރިހެނެއްގެ އަޅާލުމުގެ ފިރުމުން ފުރަތަމަ ފަހަރަށް އާފިޔާއަށް ލިބުނެވެ. އިބްތިހާލު ވިހާ ގަދަވިތަނާ ކައިވެނި ވެސް ކުރިއެވެ. އެ ދެމަފިރިންނަށް ދެ ދަރިން ވެސް ލިބުނެވެ. ކުޑަކުޑަ އެ އާއިލާ ކުޑަ ގެއެއްގައި ދިރިއުޅުމުން ދިޔަ ނަމަވެސް އާފިޔާގެ މާޒީ އަދިވެސް އޮތީ އެ ގޭގެ ވަށާލާފައެވެ. އަނިޔާވެރި، ރަހުމުކުޑަ މާޒީއިން އާފިޔާއަށް އަރައިނުގަނެވުނީ އެ މާޒީއާ ގުޅިފައިވާ އިބްތިހާލެވެ. އެކަމަށް ވާގިދިނީ އަލަށް ދިރިއުޅުން ބިނާކުރި ރަށު މީހުންނެވެ. އިބްތިހާލާ ގުޅޭ ގޮތުން އެކި ވާހަކަތައް ރަށު ތެރޭގައި އަނބުރައެވެ. އިބްތިހާލުގެ ހިނގުމާއި އުޅުން އިސްމާއިލް ރައޫފާ ވައްތަރު ވާހަކައެކެވެ. އިބްތިހާލު ވެސް އުޅޭނީ ރައޫފާ އުޅޭ ގޮތަށް ކަމެވެ. މި ވާހަކަތައް އިވޭ ކޮންމެ ފަހަރަކީ އާފިޔާގެ ހިތުގައި އިބްތިހާލާމެދު އޮތް ލޯބި މަރާލާ ފަހަރެކެވެ. ނަފުރަތު އުފައްދާ ކަމެކެވެ. އެއިން ކޮންމެ ފަހަރަކު އިބްތިހާލަށް އާފިޔާ ދިޔައީ އަނިޔާ ކުރަމުންނެވެ. އޭނާގެ ނަފްސާނީ ހާލަތު ބަޔާންކުރި ރިޕޯޓްގައި ވެސްވާ ގޮތުން އާފިޔާގެ ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ވަރަށް ވަރުގަދައެވެ. ރުޅި ކޮންޓްރޯލް ނުވުމަކީ އޭނާ ތަބީއަތެވެ. އާފިޔާއަށް ލިބުނު ފަދަ ހަޔާތެއް އެހެން މީހަކަށް ލިބުމަކަށް އޭނާ ނޭދެއެވެ. އެކަން ހުއްޓުވަން އޭނާ ބޭނުންވެއެވެ. އެ ވޭން އޭނާއަށް އިހުސާސްވާނީ އެންމެ މަތީ ދަރަޖާގައެވެ. އޭނާއަށް ވިސްނިފައި އޮތީ އިބްތިހާލު ބޮޑުވުމަށްފަހު، އޭނާގެ ފަރާތުން އާފިޔާއެއް އުފެދޭ ކަމެކެވެ. އެ ވިސްނުން ވިސްނައިދިނީ މުޖުތަމައުއެވެ. އަވަށްޓެރިންނާއި ރައްޓެރިންނެވެ. 

އިބްތިހާލަށް އެ އަނިޔާތައް ލިބެމުން ދިޔައިރު އާފިޔާ އޮތީ އޭނާގެ ހަޔާތް ބަރުބާދުކޮށްލި މީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އެ ފައިލްވީ ހިސާބެއް ނޭނގެއެވެ. އެނގެނީ އެކަމުގައި އާފިޔާއާ ހަމައަށް އިންސާފު ނާންނަކަމެވެ. އިބްތިހާލުގެ ގައިގާ ހުންނަ ލަކުނުތަކާއި އެ މައުސޫމް މޫނު މަތިން އުފާވެރިކަމުގެ އެއްވެސް ކުލައެއް ފެންނަން ނުހުންނަކަން އެ ރަށު އެންމެން ދަނެވެ. ދައުލަތުން ވެސް ދަނެވެ. އެތައް ފަހަރަކު ޖެންޑާއަށް ޝަކުވާ އެކި ގޮތްގޮތުން ދިޔައެވެ. އިބްތިހާލާ ހަވާލުވާން ދައުލަތަށް މުހިންމެއް ނުވިއެވެ. ނަމަވެސް އިބްތިހާލުގެ ގައިން ލަކުނު ނުފިލުމަކީ އޭނާއާ ހަވާލުވުމަށް ދައުލަތަށް ލާޒިމްވާނެ ކަމެއްކަން ޔަގީނެވެ. އިތުރަށް ބަލަން މަޑުކުރަން ތިބުމަކީ އިހުމާލެވެ. މުޅިން ވެސް އިހުމާލެވެ. 

އިބްތިހާލު މަރާލި ދުވަހު އާފިޔާ ހުރީ އޭނާގެ ރުޅީގެ އެންމެ މަތީ މަރުހަލާގައެވެ. އޭގެ ކުރީ ދުވަހެއްގައި އޭނާގެ އެކުވެރިޔަކު، "އެ ކުއްޖާ މަރާލާފައި ފޮއްޓަކަށް ލާފައި އެއްލާލާށޭ" ބުނެފައި އޮތުމުން އޭނާގެ ލޭ ކެކުނީއެވެ. ނިދާފައި އޮތް އެ ސޮރު ހޭލައްވާލާފައި ނޭވާ ހާސްކޮށްލިއެވެ. ނޭވާ ހާސްވެ މަރު ގާތްވުމުން ވެސް އެ ފަކީރު މަންމައަށް ދެކޮޅުވެރިކަމެއް ނުދައްކައެވެ. މަޑުމަޑުން "މަންމާ"އޭ ކިޔާ ގޮވާލީއެވެ. އެއީ ފަހު ބަހެވެ. އިބްތިހާލުގެ "މަންމާ"އޭއެވެ. އޭގެ ފަހުން ވެސް މޭމަތީ އާފިޔާ ކޮޅުފައިން ޖެހުމަށްފަހު ނުކުމެގެން ދިޔައީއެވެ. އޭރު އިބްތިހާލުގެ ފުރާނަ ހުރި ނަމަވެސް އާފިޔާ އެނބުރި ގެއަށް އައިރު އޭނާ ދުނިޔެ ދޫކޮށްފިއެވެ. ކުރެވުނު ކަމުގެ ހިތާމަ އާފިޔާ ވަށާލިއެވެ. ހަދާނެ ނަހަދާނެ ގޮތް ނޭނގުނެވެ. ރުޅީގެ ކޮންޓްރޯލް އައިސް ހަމައަށް އާފިޔާ އެޅުނުއިރު އިބްތިހާލެއް ނެތެވެ. ލިބުނު ޝޮކުން ހޭނެތުނީއެވެ. 

މީގެ ފަސް އަހަރު ކުރިން ފެށި އާފިޔާގެ ޝަރީއަތަކީ ގާތުން ކަވާ ކުރެވުނު ޝަރީއަތެކެވެ. ޝަރީއަތް އޮންނަ ކޮންމެ ދުވަހަކު އާފިޔާ ފެނެވެ. އޭނާގެ މޫނު މަތިންނާއި އޭނާއަށް މީހުން ފެނުމުންދޭ ކުޑަކުޑަ ހިނިތުންވުމުން ވަރަށް ގިނަ ވާހަކަ ކިޔައިދެއެވެ. އަނިޔާވެރިކަމާއި ރަހުމުކުޑަ ވަކިތަކުން ހިތުގައި އެޅިފައިވާ ލަކުނުތައް މޫނުމަތިން ކުލަވެއެވެ. އޭނާގެ އަޑުއެހުންތައް އަޑުއެހުމަށް ވަންނަނީ ހަމައެކަނި ނޫސްވެރިންނެވެ. އާއިލާއެއް ރައްޓެހިންނެއް ނެތެވެ. ނޫސްވެރިންނާ ދިމާއަށް ބަލާލާ، ކޮންމެ ދުވަހަކު ވެސް އާފިޔާ ހިނިތުންވެލައެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވާފައި ވަރަށް ގިނަ ވާހަކަތައް އޮތްކަން އެނގެއެވެ. ވަރަށް ގިނަ ވާހަކަ ކިޔައިދޭން ބޭނުންވާކަން އެނގެއެވެ. އޭނާއަށް އެހީވެދޭށޭ ބުނާހެން ވެސް ހީވެއެވެ. 

ޝަރީއަތުގައި އާފިޔާގެ ބަސް މަދެވެ. އާނއެކޭ ނުވަތަ ނޫނެކޭ ނޫނީ ގިނަ ފަހަރަށް ނުބުނެއެވެ. އެކަމަކު ބައެއް ދުވަސްދުވަހު ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވެ ދައްކަން ނޭނގިގެން ވެސް އުޅެއެވެ. އިބްތިހާލަށް އަނިޔާކުރި ގޮތުގެ ވާހަކަ އާއި އެކަމާ ދެރަވާ ކަމުގެ ވާހަކަތައް އާފިޔާ އަސަރާއެކު އެއް އަޑުއެހުމުގައި ކިޔައިދިނެވެ. އެންމެން ފެންކަޅިކޮށްލި އެ އަޑުއެހުމުގައި އާފިޔާ ވަރަށް ވާހަކަ ދެއްކިއެވެ. އާފިޔާއާ ދެކޮޅަށް އަވަށްޓެރިންނާއި އެކުވެރިން ހެކިބަސް ދިނެވެ. އެމީހުން ހެކިބަސް ދެމުން ދެއްކި ވާހަކަތަކުން އާފިޔާ ހައިރާންވެ އަނތަރީސްވެ އިނެވެ. އެމީހުން ހަދަނީ ހުސް ދޮގު ކަމަށް ވެސް ބުންޏެވެ. އަވަށްޓެރިންނާއި އެކުވެރިންގެ ކަމަކީ އޭނާއަށް ދިމާކުރުން ކަމާއި އިބްތިހާލަކީ ދޮންބައްޕައެއްގެ ދަރިއެއް ކަމަށް ކިޔާ ކަމަށް ބުނެ އާފިޔާ ދެރަވެ ހުރެ ކިޔައިދިނެވެ. އާފިޔާގެ އެކުވެރިންނާ އެއްވެސް ސުވާލެއް އާފިޔާ ނުކުރެއެވެ. އެމީހުންގެ ފަރާތުން އޭރު ވެސް ފަހުން ވެސް އާފިޔާއަށް ލިބުނު ހެޔޮ ނަސޭހަތެއް، ހެޔޮ ފަރުވާއެއް ނެތެވެ. މުޖުތަމައުއާއި ދައުލަތް އޭރު ތިބީ ބަލާށެވެ. މިއަދު ވެސް މިތިބީ ބަލާށެވެ. 

އިބްތިހާލަށް އަނިޔާކޮށް މަރާލުމަކީ އޭގެ ފަހަތުގައި ކިތަންމެ ބޮޑު މާޒީއެއް އޮތް ނަމަވެސް ޖަސްޓިފައި ނުކުރެވޭނެ ބޮޑު ކުށެކެވެ. އޭގެ ފުރިހަމަ ހައްގު އާފިޔާއަށް ލިބެން ޖެހޭނެއެވެ. ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ކުރިން ދައްކާފައި ވާހަކަތަކަށް ބެލި ނަމަވެސް އެ ކުށުގެ އަދަބު އޭނާއަށް ލިބެންވާނެކަން އޭނާ ވެސް ގަބޫލު ކުރެއެވެ. އޭނާ ހުރީ އެ ކުށަށް އިއުތިރާފުވެ ތައުބާވެގެންނެވެ. ހެކިތަކުގެ މައްޗަށް ބަލާއިރު އާފިޔާއަށް ކުށް ސާބިތު ނުވާނެ އެއް ގޮތް ވެސް ނެތެވެ. އެއީ އެހާމެ ހާމަކަން ބޮޑުކޮށް ހިނގާފައިވާ ކަމެކެވެ. ސަތޭކަ ވެސް ހަމަނުވާ އާބާދީއެއް ދިރިއުޅެމުންދާ ރަށެއްގައި ކަމެއް ވަންހަނާކޮށް ނުވެސް ހިނގާނެއެވެ. އާފިޔާގެ ރަހުމުކުޑަ މާޒީން އުފަންކުރުވި ރުޅިވެރިކަމާއި ހަސަދައިން އިބްތިހާލު މަރާލުމުގެ ކުށުގެ ނަތީޖާއެއް ގޮތުގައި އާފިޔާ އެ ވަނީ 20 އަހަރަށް ޖަލަށްލާފައެވެ. އެއީ އޭނާއަށް ހައްގު އަދަބެވެ. އެ އަދަބު އާފިޔާ ލިބިގަންނާނެއެވެ. އެކަމަކު މިހާ ހިސާބުން މިކަން ނުނިމެއެވެ. ބޮޑެތި ކުށްވެރިން ކޮބާ ހެއްޔެވެ؟ 

އިބްތިހާލުގެ އެންމެ ބޮޑެތި ކުށްވެރިންނަކީ މި މުޖުތަމައު އާއި ދައުލަތެވެ. އިބްތިހާލުގެ މަންމައަށް ޅަ އުމުރުން ފެށިގެން އެތައް އަނިޔާއެއް ލިބުނުއިރު އެކަމުގައި އަޑު އުފުލާލާނެ މީހަކު ނުވިއެވެ. އަދިވެސް ނެތެވެ. އާފިޔާއަށް އެ ވޭން ޖެއްސި މީހުން އަދިވެސް އެގޮތުގައި އެ އުޅެނީއެވެ. އެހެން އާފިޔާއަކަށް މިގޮތް ހެދުމުގެ މަގު އެމީހުންނަށް އަދިވެސް އެ އޮތީ ތަންމިނަށް ހުޅުވިފައެވެ. އާފިޔާގެ އެނދަށް ވަތް މީހުން ކޮބައި ހެއްޔެވެ؟ ޒުވާން އަންހެނެއްގެ އިއްފަތް ފޭރިގަތް މީހުން ހަމަ އެއްޗެއް ނުހިތަނީ ހެއްޔެވެ؟ އެކަމަށް ހިތްވަރުދިން އޭނާގެ އާއިލާގެ މީހުންގެ ރަހުމެއް ނެތީ ހެއްޔެވެ؟ އެ ހަރާމް ފައިސާ ހަލާލުކޮށްގެން އެތިބީއެވެ. އާފިޔާ ފުލުހަށް ދިޔުމުން އެހީނުވި މީހުން ކޮބައި ހެއްޔެވެ؟ އެ މައްސަލަ ނުބެލީ ކީއްވެ ހެއްޔެވެ؟ އެ ރަށުގެ ރައްޔިތުންނާއި އަވަށްޓެރިން އަބަދުވެ ތިބީ ނިދާފަ ހެއްޔެވެ؟ 

ދެން އޮތީ އިބްތިހާލަށްވީ އިހުމާލެވެ. ޖެންޑާ މިނިސްޓްރީއަށް އިބްތިހާލަށް އަނިޔާކުރާކަން އެނގެއެވެ. ލޯ އެއްކޮށް ނޫފައިގަނެގެން ވެސް އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އެވަރުވީއިރު އެއީ އެހީ ބޭނުންވާ ކުއްޖެއް ކަމަށް ކަނޑަނޭޅުނީ ކޮން ކަމެއްވެ ހެއްޔެވެ؟ ވަސީލަތް ނެތޭ މީހުން ނެތޭ އެއީ ދިފާއުއެއް ނޫނެވެ. ދައުލަތާއި ވެރިން މިކަމުގައި ބޮޑު އިހުމާލެއްވިއެވެ. ހަގީގަތުގައި އިބްތިހާލުގެ އެންމެ ބޮޑެތި ކުށްވެރިންނަކީ މިއީއެވެ. އޭނާގެ ގާތިލަށް އަދަބު ދެވުނުއިރު އޭނާއަށް ފުރިހަމަ އިންސާފު މިހާ ހިސާބުން ނުލިބެއެވެ. ދެވަނަ އާފިޔާއެއް ނޫނީ ދެވަނަ އިބްތިހާލެއް އުފަންވާން ބޭނުން ނޫންނަމަ ބޮޑެތި ކުށްވެރިން ޒިންމާދާރު ކުރުވަން ޖެހެއެވެ. ޖިންސީ ގޯނާގެ ހަރާމް ވެށި މުޖުތަމައުން ނައްތާލަން ޖެހެއެވެ. މުޖުތަމައުގެ ތެރޭގައި އަޅާލުމާއި ހާލު ބެލުމުގެ އާދަ ގެންނަން ޖެހެއެވެ. މަށާ ބެހޭ ކަމެއް ނޫނޭ ކިޔާ ބިކަ ވެށިތަކަށް މީހުން ދޫކޮށްލައިގެން ތިބުން ނިމުމަކަށް ގެންނަންވެއްޖެއެވެ.  

ޝަރީއަތުގެ އަޑުއެހުމެއްގައި އާފިޔާ ރޮމުން ރޮމުން އެދުނެވެ. "މުޖުތަމައުގައި ތިބި އަހަރެން ކަހަލަ ރުޅި ކޮންޓްރޯލްނުވާ މީހުންނަށް އެހީވެދީ". އެ ދުވަހު އަހަރެމެން އެ އަޑުއެހުމުން ނުކުތީ ހިތްހަލާކުވެ ތިބި ހާލުގައެވެ. އާފިޔާ އެ އެދުނީ ބޮޑު އެދުމެކެވެ. އެ އެދުން އަހަރެމެން ފުއްދައިނުދީނަމަ އެތައް އާފިޔާއެއް މި މުޖުތަމައު އުފައްދާނެއެވެ. އޭގެ އަލިފާނުގައި އަނދައިގެން ދަނީ އެތައް ތުއްތު ކުދިންނެއްގެ މައުސޫމް ހަޔާތެވެ. އެހެންވީއިރު އިބްތިހާލަށްޓަކައި ފުއްދަން ޖެހިފައި އޮތް އެންމެ ބޮޑު ވަސީއަތަކީ އެއީއެވެ. އަދި ބޮޑެތި ކުށްވެރިން ޒިންމާދާރުކުރުމެވެ. ޒިންމާދާރުވުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.