އެމެރިކާގެ މޭޖަރ ލީގު ސޮކަރގައި ކުޅުމުގެ ޝައުގުވެރިކަން ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފާޅުކޮށްފިއެވެ. 

މިދިޔަ ޓްރާންސްފަރ މާކެޓުގައި ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ ހާމަކުރި ނަމަވެސް އޭނާ ވިއްކާލުމަށް އެޓީމުން ދެކޮޅު ހެދިއެވެ. މި ފެށޭ ފިނި މޫސުމުގެ ޓްރާންސްފަރ މާކެޓާއެކު އެހެން ކްލަބަކަށް ހިލޭ ބަދަލުވުމުގެ ފުރުސަތު މެސީއަށް ހުޅުވިގެންދާއިރު އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއިންނެވެ. 

މެސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެމެރިކާގައި ދިރިއުޅުން ތަޖުރިބާކޮށްލުމަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އެ ގައުމުގެ ލީގުގައި ކުޅެން ޝައުގުވެރިކަން ހުންނަ ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ހިނގާނެކަން ޔަގީންކަމާއެކު ބުނަން ނެނގޭ ކަމަށް ވެސް މެސީ ބުންޏެވެ. އޭނާ ވަނީ ބާސާގެ ވާދަވެރި ރެއާލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑަށް ބަދަލުނުވާނެ ކަމަށް މި އިންޓަވިއުގައި ބުނެފައެވެ. 

ޓްރާންސްފަރގެ އެއްވެސް ކަމަކާމެދު ގޮތެއް ނުނިންމާ ކަމަށާއި އެހެން ކްލަބަކާއި ގުޅޭ ނަމަވެސް ނުވަތަ ބާސާގައި މަޑުކުރުމާމެދު ވެސް ގޮތެއް ނިންމާނީ މި ސީޒަން ނިމުމުން ކަމަށް ވެސް މެސީ ބުންޏެވެ. މިވަގުތު އެންމެ މުހިންމީ ޓީމާމެދު ވިސްނުން ކަމަށާއި އެހެން ކަންކަމަށް ފޯކަސްނުކޮށް ބާސާއާއެކު މި ސީޒަނުގައި ކާމިޔާބީ ހޯދަން ބޭނުންވާކަމަށް މެސީ ބުންޏެވެ. 

ބާސާ ދޫކޮށްލި ނަމަވެސް ކޮންމެވެސް ދުވަހަކުން އެ ކްލަބަށް ހިދުމަތްކޮށް އަނބުރާ އެ ސިޓީއަށް އަންނަން ބޭނުންވާކަމަށް މެސީ ބުންޏެވެ. ހުރިހާ ކުޅުންތެރިންނަށްވުރެ ވެސް ބާސާއަކީ ބޮޑު ކްލަބެއް ކަމަށާއި އަލަށް އިންތިހާބުވާ ރައީސް ވެސް ޓީމަށް ފައިދާކުރާނެ ފަދަ ގޮތަކަށް އަމަލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މެސީ ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.