އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ކުޅުނު މެޗުން އެޓީމު އެއްވަރުވިއިރު މެންޗެސްޓަރ ސިޓީ އަދި އެވަޓަން ކުޅުމަށް ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.
އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުުވެގެންނެވެ. މި މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކުރިއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލްކޮށްފައިވަނީ ޗެލްސީއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ވެސް ޖެހީ ޗެލްސީއިންނެވެ. މި ލަނޑު 34 ވަނަ މިނެޓުގައި ޗެލްސީއަށް ޖަހައިދިނީ އޮލިވިއާ ޖިރޫއެވެ. އެސްޓަން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 50 ވަނަ މިނެޓުގައި ޖަހައިދިނީ އަންވަރު އެލް ގާޒީއެވެ.
އެވަޓަން އަދި ސިޓީ ކުޅުމަށް ހަމަޖެހިފައި އޮތް މެޗު ވަނީ ކޮވިޑް 19 ގެ ސަބަބުން ފަސްކޮށްފައެވެ. ކްރިސްމަސްގައި ސިޓީގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވިކަން އެ ޓީމުން ހާމަކުރިއިރު ހޯމަ ދުވަހު ވެސް ބައެއް ކުޅުންތެރިން ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ޕްރިމިއަރ ލީގުގެ ބޯޑުން މަޝްވަރާކުރުމަށްފަހު ވަނީ މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން މެޗު ލަސްކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ.
އިއްޔެ ލެސްޓާ ސިޓީ އަދި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ވެސް ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. ޕެލަސްގެ ލަނޑު ވިލްފްރީޑް ޒަހާ ޖަހައިދިންއިރު ލެސްޓާގެ ލަނޑު ޖަހައިދިނީ ހާވީ ބާންސްއެވެ.
އެސްޓަން ވިލާއާ އެއްވަރުވެ ޗެލްސީ ވަނީ ތާވަލުގެ 6 ވަނައަށް ވެއްޓިފައެވެ. ފަސް ވަނައިގައި އެސްޓަން ވިލާއޮތްއިރު އެޓީމަށްވުރެ އިތުރަށް ދެ މެޗު ޗެލްސީއިން ވަނީ ކުޅެފައެވެ.