ދިވެހި ފުލުހުންގެ ޚިދުމަތުގެ "އަޕަރ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އިއްޔެ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު ސަމާލުކަމެއް އަދި އިސްކަމެއް ދެއްވާ ކަމެއް ކަމުގައެވެ. އަދި، ފުލުހުންގެ ޚިދުމަތް ކުރިއަށްވުރެ ހަރުދަނާކޮށް، އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން، ކޯވިޑް-19ގެ ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ، މަސައްކަތް ފާހަގަކުރައްވާ، ހުރިހާ ފުލުހުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

"އަޕަރ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެ ކަން ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ ދެ އަތޮޅުގެ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަވާލުކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.