14 ފެބުރުއަރީ 2018 - ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން | ފޮޓޯ: މުހައްމަދު އަފްރާހް

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕީލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަނގަޅު ގޮތް ނިންމާނީ އެ ކޯލިޝަނުން ކަމަށް، އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން މިގޮތަށް ބުނީ އެމްޑީޕީ- ޕީޕީއެމް އިއްތިހާދެއް އުފައްދަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

"އިއްތިހާދެއް އުފައްދަން ޔާމީންގެ އެހީ ހޯދުމަކީ އެންމެ ރަނގަޅު ގޮތް"

ނަޝީދު މިހެން ވިދާޅުވެ، ވަޓްސް އެޕް ގްރޫޕަކަށް ފޮނުއްވި މެސެޖުގެ ސްކްރީންޝޮޓެއް ރީޓްވީޓު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގައި ޕީޕިއެމް ތަމްސީލުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމް- ޕީއެންސީއަށް ރަނގަޅު ގޮތް ނިންމާނީ އެ ކޯލިޝަނުން ކަމަށެވެ. އަދި އެއީ އެހެން ޕާޓީއެއްގެ ރައީސަކަށް އޮންނާނެ ބާރެއް ނޫން ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެހެންވެ، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއި ވަގުތީ ގޮތުން ހަވާލުވެ ހުންނަވަނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ނަޝީދުގެ މި މެސެޖަށް ރައްދުދެއްވާ އަދުރޭ ވެސް ޓުވީޓު ކުރެއްވިއެވެ.

އޭނާ ވެސް ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް ރަނގަޅު ގޮތް ނިންމާނީ އެ ކޯލިޝަނުން ކަމަށާއި ރައީސް ޔާމީންގެ ލީޑަރޝިޕްގެ ދަށުން، އެ ކޯލިޝަނުން އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން ކަމަށެވެ.

ރައީސް ނަޝީދު ޕީޕީއެމް އާއި އެކު އިއްތިހާދެއް ހައްދަވަން ބޭނުންފުޅުވާކަން ހާމަކުރެއްވި ނަމަވެސް، މިހާތަނަށް އިދިކޮޅުން މިކަމަކަށް އިޖާބަދީފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އިދިކޮޅުން ބުނަމުންދިޔައީ ދެ ޕާޓީގެ ސިޔާސަތުތައް ވަރަށް ތަފާތު ކަމަށާއި އެ ދެ ޕާޓީގެ ލީޑަރުން ގުޅިއްޖެ ނަމަ، ސިޔާސީ ލީޑަރުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *