މާލޭގައި މި މަހު 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ޕާޓީއަކަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 41 އަށް އަރައިފިކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ޝީ ބިލްޑިންގްގައި ބޭއްވެވި ޕާޓީއެކެވެ. މި ޕާޓީގައި ބައިވެރިވި މީހުންގެ އަދަދު 120 އަށް އަރާއިރު، ޕޮޒިޓިވްވި 41 މީހުންގެ ކޮންޓެކްސް މިހާރުވެސް 116 އަށް އަރައެވެ. މީގެއިތުރުންވެސް، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް 4 މީހުންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރޭ ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި، މި ކްލަސްޓަރގެ ފުރަތަމަ ކޭސް ފެނުނީ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ހުކުުރު ދުވަހު 12 މީހަކު އަދި ހޮނިހިރު ދުވަހު 21 މީހަކު މި ކްލަސްޓަރ އިން ޕޮޒިޓިވްވެފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕާޓީގައި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކުވެސް ބައިވެރިވެފައިވެއެވެ. މި ހަފްލާގައި ބައިވެރިވި ފަރާތްތައް އެޗްޕީއޭގެ ހޮޓްލައިން 1676އަށް ގުޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އަދި، ޕާޓީގައި ބައިވެރިވި ފަރާތްތަކަށް އެޗްޕީއޭއިން ނުގުޅި ނަމަވެސް، އެކަހެރިވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއި ދީފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ.