ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތަކުން ސަލާމަތްވެވޭނީ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަދާވާތްތެރިކަމާއި ނަފްރަތުން ދުރުހެލިވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސްވަނީ މީގެ 16 އަހަރު ކުރިން ހިނގާދިޔަ ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރިވެތި ނަމޫނާއަށް ތައުރީފްކުރައްވާފައެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވަމުން، މިއަދުވެސް އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ގައުމުގެ ތަރައްގީއާއި އަމާންކަމާއި ގުޅިފައިވާ ކަމެކެވެ.

ތަފާތު ހިޔާލުތަކަށް މުޖުތަމައުގައި ފުރުސަތު ދިނުމަކީ މުހިންމުކަމެއް ކަމަށްވެސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ. ޚިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. ޚިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުޞަތަކަށް ނުހެދުމަށާއި، އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކާއަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރަން ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުންވެސް، ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުން، އަދި ވަކިން ހާއްސަކޮށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ނަމޫނާ މަސައްކަތެއް ކުރައްވަމުން އަންނަ ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނީ އެކުވެރިކަން އިސްކޮށްގެންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސުނާމީ ކާރިސާގައި ވަކިވެގެންދިޔަ ހުރިހާ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.