އަންނަ އަހަރުގެ ޖުލައި މަހު ބޮޑު ޗުއްޓީއެއް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ސަރުކާރު ބަންދު ދުވަސްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންނެވި ބަދަލާއެކު އަންނަ އަހަރުގެ ޖުލައި މަހު 12 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސްމީ ބަންދަށް ރައީސް އިތުރުކުރެއްވީ ޖުލައި 18 ވަނަ ދުވަހާއި 25 ވަނަ ދުވަސް ކަމަށެވެ.
އެ ދެ ދުވަހަކީ އީދު ބަންދު ދުވަސްތަކާއި މިނިވަން ދުވަހުގެ ބަންދު ދުވަސްތަކުގެ ތެރެއަށް ވަންނަ ދެ ދުވަހެވެ. ދެ ދުވަހަކީ ވެސް ހަފުތާ ފެށޭ އާދިއްތަ ދުވަހެވެ. އެއީ ޖުލައި 18 އާއި 25 އެވެ.
ޖުލައި 18އާ ޖެހިގެން 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި 25 އާ ޖެހިގެން އަންނާނީ މިނިވަން ދުވަހެވެ.