ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މިއަދު މަޝްވަރާކޮށްފިއެވެ. 

މި މަޝްވަރާތައް ކޮށްފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއާ ދެމެދެ ބޭއްވުނު ބައްދަލުވުމުގައެވެ. 

ޖަޕާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ މައިގަނޑު ބޮޑަތި މަޝްރޫޢުތައް އެހީތެރިވެދީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން އަދާކުރާ މުހިންމު ރޯލު ޝުކުރުވެރިކަމާއެކު ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ކޮވިޑް-19ގެ އާއި ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެއިޑްގެ ގޮތުގައި ޖަޕާނުން 5 ބިލިޔަން ޔެންގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާތީ އެކަން ވަރަށް ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ކޮންސެޝަނަލް ލޯނުގެ ގޮތުގައި މިހާތަނަށް މިގޮތަށް ޖަޕާނުން ރާއްޖެއަށް ދީފައިވާ އެންމެބޮޑު އަދަދެވެ. އަދި މިއީ ރާއްޖެއާ ޖަޕާނާދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޒުވާނުނަށް ވޮކޭޝަނަލް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖްކުރުމާއި ޞިއްހީދާއިރާ ކުރިއެރުވުމަށާއި އަދި ސަލާމަތާބެހޭ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނިފައިވެއެވެ. މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ޤައުމީ ދިވެހި ސަރުކާރުގެ ލާމަރުކަޒީ ޕޮލިސީތަކާ އެއްގޮތަށް ލާމަރުކަޒުކޮށް ރަށްފުށުގެ ތަރައްޤީ ކުރިއެރުވުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުފައެވެ.

ރައީސްއާ ޖަޕާނުގެ ސަފީރު މި ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައިވެސް ދެޤައުމުގެ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެ ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.