ހަތަރު އަތޮޅެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި، އަށް މީހަކު ހައްޔަރުކޮށްފިއެވެ. މިއީ ނ.ވެލިދޫ، ތ.ވިލުފުށި، ދ.ކުޑަހުވަދޫ އަދި މ.ވޭވަށުގައި ހިންގި އޮޕަރޭޝަންތަކެކެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ނ.ވެލިދޫ ފަޅު ގެއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ވެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، 32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ ފިރިހެނަކެވެ. މިމީހުން ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއ ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތ.ވިލިފުށީގައިވެސް ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 26ވަނަ ދުވަހުއެވެ. މިއީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އޭނާގެ ބަންދަށް ވިލިފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ދިހަ ދުވަސް ޖަހައިދީފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ދ.ކުޑަހުވަދޫގައި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 25ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ. އޭނާގެ ބަންދަށް ހުޅުދެލި މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

މ.ވޭވަށުގައި ހިންގި އޮޕަރޭޝަނަކީ، މާލެއިން މ. އަތޮޅަށް ދާ ބޯޓަކުން ވޭވަށަށް މަސްތުވާތަކެތި އެތެެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ޑިސެމްބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. 

މި އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައިފާސްކޮށްފައިވާއިރު އެފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 500އެމްއެލްގެ ދެފުޅި ފެނިފައިވެއެވެ. މިއީ މުލަކު ޕޮލިސް ސްޓޭޝަނާއި މުލީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް މުލީ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.