އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 ޕަސެންޓް ނިމިފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ މިހާރު ހަދާފައިވާ ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 266 މީޓަރ އެއްގަމުތޮށި ހެދުމާއި، 160 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 1330 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 4646 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.
300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫޢުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރ 2019 ގައެވެ. މި މަޝްރޫޢަކީ 32.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.