ދިވެހި ދައުލަތުގެ ޢިއްޒަތް މ.މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއަށާއި މއ.ވިލުވެލި ބަދުރުއްނަޞީރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. މި ދެ ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި އިބްރާހިމް އިސްމާއިލްއަށް އެރުވުނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ)އެވެ. މިއީ ކުޅިވަރު ކުރިއެރުވުމާއި، ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތް ފާހަގަކޮށް ދީފައިވާ އިއްޒަތެކެވެ. 

އިބްރާހިމް އިސްމާއިލް ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1970 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބުކަމުގެ ވަޒީފާއެވެ. އަދި އެއަށްފަހު ޓީޗިންގްގެ ދާއިރާއާއި، އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން އެ މަނިކުފާނު ވަނީ އޮސްޓްރޭލިޔާއާއި، އެމެރިކާ އަދި އިންޑިޔާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައެވެ.

އިބްރާހިމް އިސްމާއިލް އަކީ އެކި ކުޅިވަރު ކުޅުއްވާ ބޭފުޅެއްނަމަވެސް، އެންމެ މަޝްހޫރު ވެ ވަޑައިގެންނެވީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ކެޕްޓަންކަން ކުރެއްވުމާއި، އެންމެ މޮޅު މިޑްފީލްޑަރުކަން ހޯދުމާއި، ފީފާގެ ރެފްރީއަކަށް ވެވަޑައިގަތުމަކީ އެމަނިކުފާނުގެ ގިނަ ކާމިޔާބީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަދު ކާމިޔާބީއެކެވެ.

އިބްރާހިމް އިސްމާއިލްވަނީ 2012 ވަނަ އަހަރު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އެވޯޑާއި، 2013 ވަނަ އަހަރު އޯ.ސީ.އޭ. ރީޖަންގެ ސްޕޯޓްސް އެވޯޑު ހާސިލުކުރައްވާފައެވެ. އަދި، 1982 ވަނަ އަހަރު ކުޅިވަރުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2007 ވަނަ އަހަރު ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމުވެސް ލިބިފައިވެއެވެ.

ރައީސް ރޭ ދެން އެރުއްވީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކޮށްފައިވާ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ)އެވެ. މި އިއްޒަތް އެރުއްވި ބަދުރުއްނަސީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

1971 ވަނަ އަހަރު ސިންގަޕޫރުގައި ފުރިހަމަކުރެއްވި ތަމްރީނާއެކު އެމަނިކުފާނު ވެވަޑައިގެންނެވީ ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވި ބޭފުޅަށެވެ. ނެދަރލެންޑްސްއާއި އޮސްޓްރޭލިޔާއިން ވެސް އެ މަނިކުފާނު ވަނީ ރޭޑިއޯ ޕްރޮގްރާމް އުފެއްދުމާއި ހުށަހެޅުމާބެހޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

ބަދުރުއްނަސީރަކީ ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ ރޭޑިއޯގެ ހިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، 1980 ވަނަ އަހަރު ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކަށް ގެނެވުނު ބަދަލުތަކާއި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ރޭޑިއޯގެ ސިގްނަލް ލިބޭނެގޮތް ހެދުމަށް ފަށައިގެން ކުރިއަށްގެންދިޔަ ޚާއްޞަ މަޝްރޫޢުގައި އެ މަނިކުފާނު އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވެއެވެ.

މީގެއިތުރުންވެސް، ކޮމިއުނިޓީ ރޭޑިއޯ ތަޢާރުފުކުރުމާއި، ޒުވާނުންގެ އާބާދީއަށް އަމާޒުކޮށްގެން އެފް.އެމް. ރޭޑިއޯގެ ޚިދުމަތް ތަޢާރުފުކުރުމުގައި އިސް ދައުރެއް ބަދުރުއްނަސީރު އަދާކުރައްވާފައިވެއެވެ. 65 އަހަރުވުމުން ދިވެހި ރާއްޖޭގެ އަޑުގެ ވަޒީފާއިން ރިޓައަރ ކުރެއްވުމަށްފަހު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ރައީސްކަން ތިން އަހަރަށްވުރެ ގިނަ ދުވަހު އެމަނިކުފާނު ކުރައްވާފައިވެއެވެ. ބަދުރުއްނަޞީރަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.