ސުނާމީ ކާރިސާއިން އަރައިގަތުމަށް ކުރި މަސައްކަތަށް ވުރެ ގިނަ މަސައްކަތް ކޮވިޑް-19އިން އަރައިގަތުމަށް ކުރަންޖެހޭނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިމްރާން ފާހަގަކުރެއްވި ގޮތުގައި، މީގެ 16 އަހަރު ކުރިން ހިނގާދިޔަ ސުނާމީ ކާރިސާއަކީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ނާމާން ބިރުވެރި ދުވަހެވެ. 13،000 ވުރެ ގިނަ ރައްޔިތުންގެ ގެދޮރު ވިއްސިވިހާލިވެގެންދިޔަ އެ ދުވަހު، ދިވެހިންވަނީ އެއްބައިވަންތަކަމުގެ ނަމޫނާއެއް ދައްކާފައިކަމަށް އިމްރާން ވިދާޅުވިއެވެ. 

އިމްރާން ވިދާޅުވި ގޮތުގައި، ސުނާމީ ދުވަހު ދިވެހިންގެ ކިބައިން ވިދާ ބަބުޅާލި އަހުލާގީ މަތިވެރި ސިފަތަކަކީ ކާބަފައިންގެ ކިބައިން އެއް ޖީލުން އަނެއް ޖީލަށް ވާރުތަވެގެން އައިސްފައިވާ މަތިވެރި އަހްލާގީ ސިފަތަކެކެވެ. މިއަދުގެ ޒުވާނުންނަށް އެދުވަހުގެ ބިރުވެރިކަމާއި ދިވެހިން ދެއްކި އެއްބައިވަންތަކަން ނޭނގިދާނެކަމަށާއި، އެދުވަހުގެ އިބުރަތްތައް ކިޔައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއްކަމަށް އިމްރާން ވިދާޅުވިއެވެ. 

ކޮވިޑް-19ގެ މި ހާލަތަކީ ސުނާމީ ކާރިސާއަށްވުރެ ވަކިން ކުޑަ ހާލަތެއް ނޫންކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އެގޮތުން، ސުނާމީ ކާރިސާއިން އަރައިގަތުމަށް ކުރި މަސައްކަތަށް ވުރެ ގިނަ މަސައްކަތް ކޮވިޑް-19އިން އަރައިގަތުމަށް ކުރަންޖެހޭނެއެވެ. ގައުމުގެ އިގްތިސާދަށް މިއިން ދުވަހަކު ދިމާ ނުވާފަދަ ހާލަތެއް ދިމާވެފައިވާއިރު، ރައްޔިތުން ކެއްތެރިކަމުގެ ނަމޫނާއެއް ދައްކާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. 

މި ޖަލްސާގައި އިމްރާން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ރައްޔިތުންދެއްވާ އެއްބާރުލުމާއި ފުލުހުންނާއި ސިފައިންވެލައްވާ ގުރުބާނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި، ސިއްހީ ހިދުމަތްތެރިންނާއި ވަކިން ހާއްސަކޮށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ކުރައްވާ މަސައްކަތް އިމްރާން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.