ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާމެދު ފިކުރު ހިންގުމަކީ ގައުމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ރައީސް ވަނީ ސުނާމީ ކާރިސާ ކުރިމަތިވުމާއި ގުޅިގެން ދިވެހިން ދެއްކި އެއްބައިވަންކަމުގެ މައްޗަށް އަލިއަޅުވާއްލައްވާފައެވެ. 26 ޑިސެމްބަރު 2004 ވަނަ އަހަރު ހިނގި އެ ހާދިސާގެ ހިތާމަވެރިކަން އެތައް ބަޔަކު އަދިވެސް ހަނދާން އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެ ހާދިސާގައި 82 މީހުން މަރުވެ 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި، ސުނާމީ ކާރިސާގެ ދުވަސް ގައުމީ އެއްބައިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މައިގަނޑު ދެ ސަބަބަކާއި ގުޅިގެންނެވެ. އެއީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި ދެއްކި އެއްބައިވަންކަމާއި، އެ ހާދިސާގެ ގެއްލުންތަކުން އަރައިގަތުމަށް ދެއްކި އެއްބައިވަންތަކަމުގެ ސަބަބުންނެވެ. 

އެ ހާދިސާގެ ގެއްލުންތަކުން އަރައިގަތުމަށް އެންމެން އެއްބައިވަންތަވެ ކުރި މަސައްްކަތުން، ދިވެހިންގެ ތެރޭގައި އޮތް އިންސާނިއްޔަތުކަމުގެ ގުޅުން ވަރަށް ރަނގަޅަށް ފާހަގަވެގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ނަމަވެސް، ސިޔާސީ ވާދަވެރިކަން އެއްކިބާކޮށް އެކަކު އަނެކަކަށް އެހީވެދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

މިހާރު ކުރިމަތިވެފައި މިވާ ކޮވިޑް-19ގެ ހާލަތަކީވެސް އެފަދަ އެއްބައިވަންތަކަމެއް ދައްކުވައިދޭންޖެހޭ ހާލަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ. އަދި ސިއްހީ މަސައްކަތްތެރިން ކުރައްވާ މަސައްކަތް ފާހަގަކޮށް، ވަކިން ހާއްސަ ޝުކުރެއް އަދާކުރައްވާފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.