މާލޭގައި މި މަހު 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ޕާޓީއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. 

އެޗްޕީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ޝީ ބިލްޑިންގްގައި ބޭއްވެވި ޕާޓީއެކެވެ. މި ޕާޓީގައި ބައިވެރިވި މީހުންގެ އަދަދު 120 އަށް އަރާއިރު، މި ކްލަސްޓަރ އާއި ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ހޯދައި ކަރަންޓީނު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. މީގެއިތުރުންވެސް، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް މީހުންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

އެޗްޕީއޭއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕާޓީގައި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކުވެސް ބައިވެރިވެފައިވެއެވެ. މި ހަފްލާގައި ބައިވެރިވި ފަރާތްތައް އެޗްޕީއޭގެ ހޮޓްލައިން 1676އަށް ގުޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. 

އަދި، ޕާޓީގައި ބައިވެރިވި ފަރާތްތަކަށް އެޗްޕީއޭއިން ނުގުޅި ނަމަވެސް، އެކަހެރިވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. 

ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއި ދީފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.