ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ މިރޭ ބާއްވާނެއެވެ. އެގޮތުން މި ޖަލްސާގައި 58 ބޭފުޅަކަށް އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި އަދި ހާއްސަ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ރައީސް އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު 20 ބޭފުޅަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާޢްޞަ އިނާމާބެހޭ ކޮމިޓީންނެވެ. މާދަމާ ރޭ ބޭއްވުމަށް ހަމެޖެހިފައިވާ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅަކަށް ރައީސް މެޑަލް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ފާސްވި 4 ޙާފިޒުންނަށް ރައީސް ދެއްވާ ޚާއްޞަ މެޑެލް ވެސް މި ޖަލްސާގައި ދެއްވާނެއެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ 8:30 ގައި ބާއްވަވާ މި ޖަލްސާގައި، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި އެ ކާރިސާގައި ގެއްލުނު މީހުންގެ ހަނދާނުގައި މިނެޓުގެ ސުކޫތެއް ގެނެވޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.