އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް ޖިންސީ ގޯނާކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
ރުގްޔާކުރުމަށް ކަމަށްބުނެ ރަހީނުކޮށްފައިވަނީ 30 އަހަރުގެ އަންހެނަކާއި އޭނާގެ ތިން ދަރިންނެވެ. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެށްގައި ހިނގި މި ހާދިސާގައި ހަތަރު މައިން ރަހީނުކޮށްގެން ތިން މަސްދުވަސް ގެންގުޅުނެވެ. މި މުއްދަތުގައި ހަތަރު މައިންނަށް ޖިސްމާނީ އަނިޔާކޮށްފައިވާއިރު، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށްވަނީ ޖިންސީ ގޯނާވެސް ކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން 2 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އެއީ 39 އަހަރުގެ ދިވެއްސަކާއި 24 އަހަރުގެ ދިވެއްސެކެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ އިއްޔެއެވެ.
މިއީ އި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިވިޝަންއާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް ގުޅިގެން ތަހުގީގު ކުރި މައްސަލައެކެވެ.