ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ އިސް ވެރިން ވަނީ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް އަދި އެ މަރުކަޒު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ނައިބު ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަކޮޅުގައި، މިހާރު އޮތް ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކަމާގުޅޭ އިދާރާތަކުން ހޯއްދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭ ވަށާޖެހޭ އޮނިގަނޑެއް ތައްޔާރުކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢަބްދުލްމަލިކާއި، ހުޅުމާލޭ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކުރާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު އަންނަ އަހަރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެތަނަށް ބޭނުންވާ މުވައްޒިފުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ. މިއަދު ނައިބު ރައީސް ވަނީ އައު މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.