ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2019/18) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ ޑިސެންބަރު މަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލު ރައީސުލްޖުމްހުރިއްޔާ ތަޞްދިޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާޢީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، މި އިޞްލާޙުގެ ދަށުން ޝަރީޢަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތުތައް އެއްކޮށް އެ މަޢުލޫމާތުތައް ޝަރީޢަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.
މީގެ އިތުރުން، ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޛީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ. އަދި، މި ޤާނޫނަށް ގެނައި އިޞްލާހުގެ ދަށުން ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލަންވާނެ ކަމަށް ވެސް މި ޤާނޫނަށް ގެނައި އިޞްލާޙުގައިވެއެވެ. މީގެ އިތުރުން ވެސް މި ޤާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ވަނީ މުހިންމު ގިނަ އިޞްލާޙްތަކެއް ގެނެސްފައެވެ.
މި ގާނޫނު މިއަދު ގެޒެޓުކޮށް ވަނީ އަމަލުކުރަން ފަށާފައެވެ.