އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 17 ކުއްޖަކު ބ.އޭދަފުށީ "އާމާން ވެށި"އަށް ބަދަލުކޮށްފިއެވެ. 

ވިލިމާލޭ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅެމުންދިޔަ މި ކުދިން ގޮވައިގެން ބ.އޭދަފުއްޓަށް ވަޑައިގަތީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީއެވެ. 

މިކުދިން ބ.އޭދަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުމެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައިވެސް ގިނަ ކުދިންތަކެއް ތިބި އިރު، އެ ކުދިންނަށްވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، މިހާރު ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންކަމުން އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭތަންވެސް އާދެއެވެ. މިކަން ހައްލުކުރުމުގެ ގޮތުން، "އަމާން ވެށި"ތަކަށް ގެންދާ ކުދިން، އެ ކުދިންގެ އާއިލާގެ އެެހެން ކުދިންނާއެކު އެއް ތަނެއްގައި ބޮޑުވުމުގެ ފުރުސަތު ސަރުކާރުން އަންނަނީ ފަހިކޮށްދެމުންނެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި އެކި ސަބަބުތަކާހުރެ ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔިަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު 4 ސަރަހައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްގީކުރަމުންނެވެ.

އަމާން ވެށިތަކުގައި ދިރިއުޅެވޭނީ ކަނޑައަޅާ ވަކި އަދަދެއްގެ ކުދިންނަށް އެކަންޏެވެ. މިކަމުގެ ސަބަބުން އެކުދިން ބޭނުންވާ ހާއްސަ އަޅައިލުމާއި ތަރުބިއްޔަތު ފޯރުކޮށްދެވޭނެކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.