މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެ ނައިފަރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާގެ ހާލު ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ޒަހަމްވެފައިވަނީ "ޒިކުރާ" ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަމަށް ނުކުމެ އުޅުނު 40 އަހަރު މީހަކަށެވެ. މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 09:36 ހާއިރުއެވެ.
އެމީހާއަށް އަވަސް ފަރުވާ ދިނުމަށް ކޯސްޓްގާޑްގެ އެހީގައި ނައިފަރު ހޮސްޕިޓަލަށް ގެންދެވުނީ މިއަދު ހެނދުނު 11:20 ހާއިރުއެވެ. އެމީހާގެ ފައިގެ މައި ނާރަށް ގެއްލުންވެފައިވާ ކަމަށް ކުރިން މައުލޫމާތު ލިބުނުނަމަވެސް، އެކަން ނައިފަރު ހޮސްޕިޓަލުން ވަނީ ދޮގުކޮށްފައެވެ. އޭނާގެ ހާލު ރަނގަޅުވެ މިހާރުވަނީ ވޯޑަށްވެސް ބަދަލުކޮށްފައެވެ.