ހައްލަކީ ގާނޫނީ ޒިނޭ އުވާލުން ހެއްޔެވެ؟ ނޫންނަމަ، ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭ އިތުރަށް ވަކިކޮށް އަދަބު ކަނޑައެޅޭނެ ގޮތް ސާފުކުރުން ހެއްޔެވެ؟ ނޫނީ މި ދެ ބާވަތުގެ ޒިނޭ އޮވެދާނެ ހެއްޔެވެ؟ މިއީ ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭ، ހެއްކެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭ ގޮތުން މިހާރު ފުޅާވެފައި އޮތް ބަހުސް، ކޮޅެއްގައި ޖެއްސުމަށް ޖަވާބު ބޭނުންވާ ސުވާލުތަކެކެވެ.  

ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތަށް ކަނޑައަޅާފައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ޒިނޭ ކުށް ސާބިތު ކުރުމަށް ބޭނުންވާ ހެއްކަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވުމާއި ހައްދެއް، އިސްލާމީ ޝަރީއަތުގައި ބުނާ ހެކިތައް ނެތި ތަންފީޒު ކުރެވެން ނެތީމައެވެ. އެ ހުކުމް އެގޮތަށް ގެނައުމުގައި ފަތުވާ މަޖިލީހުގެ 2018 ވަނަ ނެރެފައި އޮތް ފަތުވާއަށް ވެސް ބެލިއެވެ. އޭގައި އޮތީ ޒިނޭ ކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނުން ހޯދުމަށް ޑީއެންއޭ ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށެވެ.

ޑީއެންއޭ ހުއްދަ ނުވުމާއި ކުށް ވަންހަނާކުރުން

ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބަލައިނުގަނެވޭނެ ކަމަށް ބުރަވާ ސަބަބު ހައިކޯޓުގެ ހުކުމްގައި ބަޔާން ކުރަނީ މިހެނެވެ؛ އިސްލާމް ދީނުގައި ޒިނޭގެ ކުށް ސާބިތު ކުރުމަކީ ވަރަށް ބުރަކޮށްފައިވާ ކަމެކެވެ. އެއީ އަމިއްލައަށް އިއުތިރާފުވުން ނޫނީ ހަތަރު ފިރިހެނުންނަށް އެ ކުށް ކުރަނިކޮށް ފެނިގެން ހެކި ބަސް ދީގެން ނޫން ގޮތަކަށް ޒިނޭ ސާބިތު ކުރެވޭނެ ގޮތެއް ޝަރުއުގައި ނެތެވެ. ހަތަރު ހެކިންގެ ހެކި ބަސް މިފަދަ ކުށަކަށް ލިބުމަކީ މާސިންގާ ކަނޑެއްގެ ތެރެއިން ތިނޯހެއް ހޯދުން ފަދަ ކަމެކެވެ. ވުމަށްވުރެ ނުވާނެ ކަމެކެވެ. ރާއްޖޭގައި ވެސް ހަތަރު ހެކިން ލިބިގެން ޒިނޭގެ ކުށެއް ސާބިތުވެފައި މީހެއް ނެތެވެ. މުޅިން ވެސް ޒިނޭގެ ކުށް ސާބިތުވެފައި ހުރީ އަމިއްލަ އިއުތިރާފުންނެވެ. 

ޒިނޭ ކުރެވިއްޖެނަމަ އެއީ ވަންހަނާ ކުރަން ޖެހޭ ކަމެއް ކަމާއި އޭގައި ކިރިޔާ ވެސް ޝުބުހާއެއް ނުވަތަ ހިލާފެއް އުޅޭނަމަ ހައްދު ގާއިމު ނުކުރެވޭނެ ކަމެއްކަން ރަސޫލާގެ ސުންނަތުން ވެސް ފެންނަން އެބައޮތެވެ. އެގޮތުން މާޢިޒު ކިޔާ މީހަކު ޒިނޭ ކުރުމަށްފަހު ރަސޫލާގެ އަރިހަށް ތޯހިރުކޮށްދިނުމަށް އެދި އައުމުން ތިން ފަހަރެއްގެ މަތިން ތައުބާވުމަށް އަންގަވާ ފޮނުވާލެއްވިއެވެ. ހަތަރު ވަނަ ފަހަރު އައުމުން ތޯހިރުކޮށްދޭންވީ ކޮންކަމަކުންތޯ ރަސޫލާ އެއްސެވުމުން ޒިނޭއިން ކަމަށް މާޢިޒު ބުންޏެވެ. އެއީ މޮޔައެއްތޯ ނޫނީ ރާބޮއިގެންހުރިތޯ ރަސޫލާ ބެއްލެވިއެވެ. އެއަށްފަހު ރަޖަމް ކުރުމަށް އެންގެވިއެވެ. އޭނާ ރަޖަމް ކުރުމަށް ސަހާބީން މަސައްކަތް ފެށުމުން ފިލިއެވެ. ނަމަވެސް އޭނާ ހޯދާ ރަޖަމްކުރިއެވެ. އެ ވާހަކަ ރަސޫލާއަށް ދެންނެވުމުން ހަދީސް ކުރައްވާފައިވަނީ "އޭނާ ތައުބާވެ ﷲއޭނާއަށް ތައުބާވުމަށް ދޫކޮށްލިނަމަ"އެވެ. މިކަމުން އެނގިގެން ދަނީ އޭނާއަށް ކޮންމެހެން އަދަބު ދިނުމަކީ މަގުސަދެއް ނޫން ކަމެވެ. 

ހައްދު ކަނޑައަޅާފައިވާ އެހެން ކުށްތައް ކަމަށްވާ ވައްކަމާއި ގަޒުފުކުރުމުގެ ކުށް ފަދައިން ޒިނޭގައި އިންސާނެއްގެ ހައްގެއް އެކުލެވިގެނެއް ނުވެއެވެ. މީގައި އެކުލެވިގެން ވަނީ މާތްﷲގެ ހައްގު އެކަންޏެވެ. އެހެންވުމާއެކު، މި ކުށްކޮށްގެން އެހެން މީހެއްގެ ހައްގަކަށް އުނިކަމެއް ނާންނާތީ، މި ކުށަށް އަދަބު ދިނުމަށް މީހުން ފަސްފަހާ ދުވުމުގެ ބޭނުމެއް ނެތް ކަމީ ބުރަވާން ޖެހޭ ކަމެކެވެ. ޒިނޭގެ ކުށުގެ ޝަރުއީ ހެކިތަކުގެ ބޭރުން އެހެން ހެކިތައް ހޯދުމުގައި ދައުލަތުގެ މަސްހަލަތެއް އޮތްތޯ ސުވާލު އުފެއްދިދާނެއެވެ. ޑީއެންއޭ ފަދަ ހެކި ހޯދައިގެން ޒިނޭގެ ކުށް ސާބިތު ކުރުމަކީ ދައުލަތުން ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ވެސް ސުވާލު އުފެއްދިދާނެއެވެ.

ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ، ޝަރުއީ އަދި ގާނޫނީ ހިލާފު!

ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭ ފަދަ ހެކި ހޯދަން ގާނޫނުލްއުގޫބާތުގައި ތަންދެއެވެ. އެ ގާނޫނުގައި އުފެއްދީ ގާނޫނީ ޒިނޭއެވެ. މިއީ ޝަރުއީ ޒިނޭގެ ބޭރުން އައިސްފައިވާ ކުށެކެވެ. ގާނޫނުލްއުގޫބާތު އެކުލަވާލެއްވުމުގެ މަސައްކަތުގައި އުޅުއްވި މިހާރުގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ގާނޫނީ ޒިނޭ ތައާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ފިރިހެންގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުކުރެވި، އަންހެނުންނަށް އެކުށް ސާބިތުވާ މިންވަރު އިންތިހާއަށް މަތިވީމައެވެ. މި ކުށަކީ އަންހެނަކާއި ފިރިހެނެއްގެ ބައިވެރިވުން އޮވެގެން ނޫން ގޮތަކަށް ކުރެވޭނެ ކުށަކަށް ނުވާއިރު، އަދަބު ދިނުމުގައި ދެ ޖިންސުގެ މެދުގައި މިހާ ބޮޑު ތަފާތެއް އޮތުމަކީ އެއަށް ހައްލު ބޭނުންވި ކަމެއް ކަމަށް ބެލިއެވެ. ގާނޫނުލްއުގޫބާތުގައި އިސްލާމީ ޝަރީއަތުގައި އޮންނަ ޒިނޭގެ ކުށުގެ ބޭރުން އެހެން ޒިނޭގެ ކުށެއް ތައާރަފު ކުރީ އެހެންވެއެވެ. 

ޝަރުއީ ޒިނޭއޭ މި ބުނެވެނީ ޝަރީއަތުގައި އޮންނަ ޒިނޭއަށެވެ. އެ ޒިނޭ ސާބިތު ވާނީ އިއުތިރާފުން ނޫނީ ހަތަރު ހެކިންގެ ހެކިބަހުންނެވެ. އަދަބަކަށް އޮންނާނީ ހައްދެވެ. ގާނޫނީ ޒިނޭއަކީ މިއަށްވުރެ ސާބިތުކުރުމުގެ މިންގަނޑުން ދަށު ދަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތު ކުރުމަށް އިސްލާމީ ޝަރީއަތުގެ ހެކީގެ މިންވަރަށް ބަލަން ނުޖެހެއެވެ. މި ކުށަށް އިންކާރުކޮށްފިނަމަ، އެހެނިހެން ހެކި ހޯދައިގެން އެކަށީގެންވާ މިންވަރަށް ކުށް ސާބިތުވާ ކަމަށް އެ ހެކިތަކުން ބެލެވޭނަމަ އަދަބު ކަނޑައެޅިދާނެވެ. އަދަބަކީ ތައުރީޒީ އަދަބެކެވެ. ހައްދެއް ނޫނެވެ. މި ކުށް ސާބިތު ކުރުމަށް ޑީއެންއޭ ހެކި ވެސް ބޭނުން ކުރެވޭނެ ކަމަށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ށ)ގައި ލިޔެފައި އެބައޮތެވެ. މީގެ ނަތީޖާއަކީ ފިރިހެނުންގެ މައްޗަށް ވެސް ޒިނޭގެ ކުށް ސާބިތު ކުރުމަށް ފަސޭހަވަގެން ދިޔުމެވެ. ޝަމީމް ވިދާޅުވި ގޮތުގައި ހަމަހަމަކަން ގާއިމް ކުރެވުނީއެވެ. 

ހަމަހަމަކަން ގެންނަން ޒިނޭގެ ކުށް ގާނޫނުލްއުގޫބާތުގައި ލިޔެފައިވާއިރު އެ ގާނޫނުގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގައި ވެސް ޒިނޭގެ ކުށް ބަޔާންކޮށްފައިވެއެވެ. ޖިންސީ ކުށުގެ ގާނޫނަކީ ހާއްސަ ގާނޫނެކެވެ. މާނައަކީ އެ ގާނޫނަކީ ގާނޫނުލްއުގޫބާތުގެ މައްޗަށް އިސްކަން ލިބިގެންވާ ގާނޫނެއް ކަމެވެ. އެހެންވީއިރު ޒިނޭގެ މައްސަލަތަކުގައި އިސްކުރަން ޖެހޭނީ ޖިންސީ ކުށުގެ ގާނޫނެވެ. ޒިނޭގެ ކުށްތަކުގައި ދައުވާ ކުރަން ޖެހޭނީ ޖިންސީ ކުށުގެ ގާނޫނުން ކަމަށް ހައިކޯޓުން ވެސް ވަނީ ބުނެދީފައެވެ. ނަމަވެސް ހައިކޯޓުން މިފަހުން ނިންމި މައްސަލާގައި ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އޭގެ ސަބަބެއް ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގައި ބަޔާން ކުރަނީ ޒިނޭގެ ކުށް ހަމައެކަނި އިސްލާމީ ޝަރީއާގައި ބުނާ މިންގަނޑުން ކަމަށެވެ. ތައުޒީރީ އަދަބެއްނަމަ އެ ކުށް އެ ގާނޫނުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެހެންވެ ޑީއެންއޭ ފަދަ ހެކި ހުރި ހާލަތްތަކުގައި ޒިނޭ ސާބިތު ކުރަން ދައުވާ ކުރެވޭނެ ހާލަތެއް އޮތީ ގާނޫނުލްއުގޫބާތުގައި ކަމުގައިވުން އެ ގާނޫނުގެ ދަށުން ދައުވާކޮށްފައިވަނީ ކަމަށް ދައުލަތުން ވަކާލާތުކޮށްފައިވެއެވެ. 

މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ ޒިނޭގެ ދެ ކުށުގެ ހަގީގަތުގައި އޮތް ތަފާތަކީ ކޮބައިތޯއެވެ. ދެ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާ ޒިނޭގެ މާނައަށް ބަލާއިރު އޮތީ ލަފުޒުތައް ތަފާތު ނަމަވެސް އެއް މާނައެކެވެ. އެ މާނައަކީ އިސްލާމީ ޝަރީއަތުގައި ވެސް ޒިނޭ މާނަކޮށްފައިވާ މާނަ ކުރުމެވެ. ދެ ގާނޫނުގައި މަގުސަދަށް ބެލި ނަމަވެސް މިއީ ތަފާތު ދެ ޒިނޭއެއް ކަމެއް ސާފެއް ނޫނެވެ. ދެ ގާނޫނުގައި ވެސް ސާބިތުކުރަން ޖެހޭ ކުށަކީ އެއް އުންސުރުތަކެއް ފުރިހަމަވާ ޒިނޭގެ ކުށެވެ. ސާބިތުވާން ޖެހޭ ކަމަކީ، ދެމަފިރިއަކަށް ނުވާ ދެ މީހެއްގެ ތެރެއިން ފިރިހެނެއްގެ ޖިންސީ ގުނަވަން އަންހެނެއްގެ ޖިންސީ ގުނަވަން ތެރެއަށް ކުޑަ ނަމަވެސް މިންވަރަކަށް ވެއްދިތޯއެވެ. މި އަމަލު ސާބިތުވާނަމަ، އިސްލާމީ ޝަރީއަތުގައި އޮންނަ ޒިނޭގެ ކުށް ސާބިތުވީއެވެ. ވީއިރު، އޭގެ ބޭރުން ހަމަ އެ އުންސުރު ސާބިތުވެގެން ގާނޫނީ ޒިނޭއަކަށްވާ ގޮތެއް ނުވިސްނޭ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ފާހަގަ ކުރައްވައެވެ. 

އެ ވިސްނުން ދައްކަވަން ޝަމީމް ލިޔުއްވާފައިވަނީ މިހެނެވެ؛ ޖިންސީ ގުނަވަން ވެއްދިތޯ ނުވަތަ ނޫންތޯ ސާބިތުކުރުމަށް ހުށަހެޅީ ޑީއެންއޭ ހެއްކި ކަމާއި ވެއްދިތަން ނުފެނުނަސް، އެހެން ގަރީނާ (ޑީއެންއޭ)އިން ވެއްދިކަން ސާބިތުކޮށްދޭ ކަމެވެ. އެއީ ޑީއެންއޭ ލިބޭނީ ނުވެއްދުމަށްވުރެ ބޮޑަށް ވެއްދިކަމަށް ގަބޫލުކުރެވިގެން ކަމަށްވާތީއެވެ. އެ ހިސާބުން ގާނޫނީ ޒިނޭ ސާބިތުވާނެ ކަމަށް ޝަމީމް ގަބޫލު ކުރައްވައެވެ. އެއާ ހިލާފަށް ޝަރުއީ ޒިނޭ ސާބިތުކުރުމަށް ބޭނުންވަނީ އެ މަންޒަރު ދުށް ހެކިން ކަމާއި ދެ ޒިނޭގެ ތަފާތަކީ މިއީ ކަމަށް ޝަމީމް ވިދާޅުވެއެވެ. 

ފަނޑިޔާރު އަބްދުﷲ ހަމީދު ލިޔުއްވައި، ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލް ތާއިދު ކުރައްވައި ނެރުއްވާފައިވާ ހުކުމްގައި ބުނާ ގޮތުން، ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރު ކަމަށްވާ އިސްލާމް ދީނާ ހިލާފަށް އެއްވެސް ގާނޫނެއް ހެދުމަކީ ބާތިލް ކަމަކަށްވާއިރު، ޒިނޭ ކުރުމުގެ ކުށް ސާބިތު ކުރުމަށް އިސްލާމީ ޝަރީއަތުގައި އޮތް މިންގަނޑާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެ ކުށް ސާބިތުކޮށް އުގޫބާތެއް ނުވަތަ އަދަބެއް ވިޔަސް ކަނޑައެއް ނޭޅޭނެއެވެ. ކުރުކޮށް ބުނާނަމަ މިބުނާ ގާނޫނީ ޒިނޭއަކީ ބާތިލް އެއްޗެކެވެ. އިސްލާމިކް މިނިސްޓްރީއިން ވެސް މި ބަހުސްގެ ތެރެއަށް ވަދެ އެކަން ވަނީ ބަޔާންކޮށްފައެވެ. މިނިސްޓްރީއިން ބުނި ގޮތުގައި، އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފުޒުތައް ބޭނުން ކުރަމުންދާ ގޮތަށް ކަމަށެވެ. ގާނޫނީ ގޮތުން ވެސް އެ ލަފުޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައިވާ ގޮތަށް ކަމަށެވެ. ޝަރުއީ މަހުފޫމުން ބޭރުން އެ ލަފުޒުތައް ބޭނުން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް މިނިސްޓްރީއިން ވެސް ބުނެފައިވެއެވެ. 

ގާނޫނު އަސާސީގައިވާ ގޮތުން އިސްލާމް ދީނާ ހިލާފު ކޮންމެ ގާނޫނަކީ ނުވަތަ މާއްދާއަކީ ބާތިލް އެއްޗެކެވެ. ހައިކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވަނީ ޒިނޭގެ ކުށް ބަޔާންކޮށް ގާނޫނުލްއުގޫބާތުގައި އޮތް މާއްދާއަކީ އެގޮތަށް ބޭއްވޭނެ މާއްދާއެއް ނޫން ކަމެވެ. ވީއިރު މިއީ ބާތިލް މާއްދާއެއް ހެއްޔެވެ؟ މި މާއްދާ މިހެން ގާނޫނުގައި ލިޔެވުނީ ކިހިނެއް ހެއްޔެވެ؟ މީގައި އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ މިއީ ވެސް މި ބަހުސްއާއެކު އަންނަ ސުވާލުތަކެވެ.

ދަރިލެއްވުމުގައި ޑީއެންއޭ!

މިސްރުން ކިޔަވާވިދާޅުވެ ހުންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް ކަމަށެވެ. ފިންގާޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަނޭ ކަމަށެވެ. ރައީސް މައުމޫންގެ މި ވާހަކައަށް ބައެއް އެހެން ބޭފުޅުން ވެސް ތާއިދު ކުރައްވާފައިވެއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި ޑީއެންއޭއަކީ ނަސަބު ސާބިތުކުރުމާއި ނަފީކުރުމުގައި މިޒަމާނުގައި ބޭނުންކުރުން ހުއްދަވެގެންވާ ގަޠްއީ ގަރީނާއެއް ކަމަށެވެ. ނަމަވެސް ޒިނޭގެ ހާލަތުގައި ޑީއެންއޭ ހެއްކެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ދީދީ ވިދާޅުވެފައިވެއެވެ. 

ޒިނޭގެ މިފަދަ މައްސަލައެއްގައި ޑީއެންއޭ ހޯދައިފިނަމަ ނުކުންނަ ނޭދެވޭ ނަތީޖާ ހައިކޯޓުގެ ހުކުމްގައި ބަޔާންކޮށްފައި އެބަ އޮތެވެ؛ ހުކުމްގައިވާ ގޮތުންނަމަ، މައްސަލާގައި ހިމެނޭ އަންހެނާ ވިހެއި ކުއްޖާއަކީ ޝަރުއީ ގޮތުން ސައްހަ ކައިވެއްޏެއްގެ މަތީގައި ތިބެ، ސައްހަ ވަޠުއެއްވުމަށްފަހު ކައިވެނި ރޫޅިފައިވީ ނަމަވެސް ދަރިލައްވާ މުއްދަތުގައި ވިހާފައިވާ ކުއްޖެކެވެ. ދަރި ލެއްވުމުގެ އެންމެ ކުރު މުއްދަތަކީ އިސްލާމީ ޝަރީއަތުގައި ކައިވެނި ކުރި ވަގުތުން ފެށިގެން ހަ މަސް ދުވަހެވެ. އެހެންވީިއިރު، ޑީއެންއޭ ތަހުލީލުގެ މައްޗަށް ބިނާކޮށް ޒިނޭގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ އެ ކުރެވޭ ކަމަކީ ކުއްޖާގެ ބައްޕަ ކަމަށް ބެލުން ލާޒިމުވާ ފަރާތަކީ އެ ކުއްޖާގެ ބައްޕަ ނޫން ކަމަށް ކަނޑައެޅުން ކަމަށް ހުކުމްގައިވެއެވެ. އެއީ ނަސަބު ނަފީކުރުމަށް ކަނޑައެޅިފައިވާ ނައްޞުތައް އިހުމާލުކޮށްލުން ކަމަށެވެ. 

އިސްލާމް ދީނުގައި ނަސަބު ނަފީ ކުރެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ، ލިޢާން ކުރުމެވެ. މައްސަލާގައި ހިމެނޭ ކުއްޖާއަކީ އަންހެން މީހާ ކައިވެނިކޮށްގެން އުޅުނު މީހާގެ ކުއްޖެއް ނޫން ކަމަށް ބުނެ ދަރި ނަފީކުރުމަށް އޭނާ ކޯޓެއްގައި ލިޢާން ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ ކުއްޖާގެ ނަސަބު ގުޅުވަން ޖެހޭނީ އެމީހާއާ ކަމަށް ހުކުމްގައި ކަނޑައެޅިއެވެ. އެހެންނޫންނަމަ، މައުސޫމް ކުއްޖެއްގެ ހައްގު ގެއްލިގެންދަނީކަން ވެސް ފާހަގަކޮށްފައިވެއެވެ. ވީއިރު މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ޑީއެންއޭ ހެދުމުގެ ބަދަލުގައި ކުއްޖާގެ ނަސަބު އެ އޮތް ގޮތުގައި ބޭއްވުންކަން ހައިކޯޓުގެ ހުކުމުން ސާފުކޮށްދެއެވެ. 

ހައިކޯޓުން އެހެން ހުކުމްގައި ބާރުއެޅި ނަމަވެސް ހުސެއިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. ޝަމީމް ލިޔުއްވާފައިވާ ގޮތުގައި ހައިކޯޓުގެ ހުކުމް ވާސިލުކޮށްފައިވަނީ ދައުލަތުން ކޯޓަށް ހުށަހެޅި ކަމާ ދިމާލަކަށް ނޫނެވެ. އެއީ ދައުލަތުން އެދިފައިވަނީ ގާނޫނީ ޒިނޭ ސާބިތުކުރުމަށެވެ. ކުއްޖާގެ ނަސަބުގެ މައްސަލަ ނަގައި އެކަމާ ދަޖަލު ކުރުމެއް ނޫނެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން ސުވާލެއް އުފައްދާ، އެކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ގާނޫނީ ހައިސިއްޔަތެއް ޕްރޮސިކިއުޓާ ޖެނެރަލަކަށް ނެތްކަން ޝަމީމް ފާހަގަ ކުރައްވައެވެ. 

ޒިނޭގެ މި މައްސަލާގައި ޑީއެންއޭ ބަލައިގަންނަން ޖެހެނީ ކުއްޖާގެ ނަސަބާ ގުޅޭ ގޮތުން ގޮތް ނިންމުމަށް ނޫން ކަމަށް ބަޔާން ކުރެއްވުމަށް ޝަމީމް ފާހަގަ ކުރެއްވި އެއް މިސާލަކީ ރޭޕްގެ ކުށުގެ މިސާލެވެ. ރޭޕް ކުރުމުގެ މައްސަލައެއްގައިވެސް ކުށް ސާބިތު ކުރަން ދައުލަތުން ޑީއެންއޭ ހުށަހަޅައެވެ. ޑީއެންއޭ ހެކި ކޯޓަށް ބަލައިގަތުމުގެ ނަތީޖާއަކީ ރޭޕްކޮށްގެން ވިހާފައިވާ ކުއްޖާގެ ނަސަބު ސާބިތުވުމެއް ނޫން ކަމާއި ނަސަބު ސާބިތުކުރުމަށް އޮންނަނީ މުޅިން އެހެން އިޖުރާއާތެއްކަން ޝަމީމް ފާހަގަ ކުރައްވައެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގެ ދައުރެއްވެސް ނޫނެވެ.

ދެ ޖިންސުގެ މައްސަލައިން ހައްލެއް ނެރެވޭނެތަ؟

ކޮންމެއަކަސް މި ބަހުސް މިހާ ހިސާބަށް އަންނަން ޖެހުމުގެ އަސްލަކީ ފިރިހެނުންނަށް ޒިނޭގެ ކުށް ސާބިތުނުވުމެވެ. އެހެންކަމުން މައްސަލަ ހައްލުވާން އޮތީ އެކަމުގައި ގޮތެއް ކިޔައިގެނެވެ. މިކަމުގައި ހައްލެއް ނެރުއްވަން ވަކާލަތު ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި، ވަކި ބައެއްގެ މައްޗަށް ކުށް މާގިނައިން ސާބިތުވުމަކީ އެ ކުށް އެންމެންގެ މައްޗަށް ސާބިތު ކުރުމަށް އޮތް ސަބަބެއް ނޫން ކަމެވެ. މާނައަކީ އަންހެނުންގެ މައްޗަށް ޒިނޭގެ ކުށް ގިނައިން ސާބިތުވީ ނަމަވެސް ޖިންސު ހަމަހަމަ ކުރުމުގެ ގޮތުން ޒިނޭގެ އެހެން ކުށެއް ތައާރަފު ކުރުމެއް ނެތް ކަމެވެ. 

އެހެންވެ، ބައެއް ގާނޫނީ ބޭފުޅުން ހިޔާލު ފާޅު ކުރައްވާފައިވާ ގޮތުގައި ޝަރުއީ ޒިނޭ އެކަނި ބޭއްވުމަށްފަހު، ގާނޫނީ ޒިނޭ އުވާލުމަކީ އޮތް ހައްލެވެ. ގާނޫނުލްއުގޫބާތުގެ އެ މާއްދާ އުވާލުމެވެ. އެއީ އިސްލާމް ދީނުގައި އަދަބު ދިނުމުގެ ފަލްސަފާއަށް ބަލާއިރު ވެސް ކުށްތައް ހޯދައި މީހުން ފަހަތުން ދުވެ އަދަބު ދިނުމެއް ނޯންނާތީއެވެ. އިސްލާމްދީނުގައި ޒިނޭ ކުށް ސާބިތު ކުރުމަށް މިހާ ބުރަ ގޮތެއް ކަނޑައަޅާފައިވަނީ އޭގައި ހިކުމަތެއްވާތީ ކަމުގައި ގަބޫލު ކުރަންޖެހެއެވެ. އެ ބުރަ ގޮތް ލައްވާފައިވަނީ ލުއި ގޮތްތަކެއް ނެތީމާ ނޫންކަން ޔަގީނެވެ. 

ދައުލަތުން މިހާރު ދަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާ ފުޅާވެފައި އޮތް މި މައްސަލާގައި ސުޕްރީމް ކޯޓުން ބުނާނެ ބަހަކީ މުހިންމު ނިންމުމަކަށްވާނެއެވެ. އެއީ ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ޖެހޭ ފަދަ ނިންމުމަކަށް ނުވަތަ ޒިނޭގެ ދެ ބާވަތުގެ ކުށް، ފުރިހަމައަށް ކަނޑައެޅިގެންދާނެ ހުކުމަކަށް ވެގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.