ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ -- ފޮޓޯ: އެންއީއޯސީ

މިސްރުގެ ގާހިރާގައި ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ) ގެ "މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން" ގެ 8 ވަނަ ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ބައިވެރިވެ ވަޑައިގެންފިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ކޮވިޑް-19 ގެ ހާލަތުގައި އިސްލާމީ ގައުމުތަކުން އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކުގެ
ތެރެއިން، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އިސްލާމީ އެކިއެކި ގައުމުތަކުގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ.

މިނިސްޓީރިއަލް ކޮންފަރެންސްގެ 8 ވަނަ ސެޝަންގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވަނީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި، އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވަފައިވެއެވެ.

އޯ.އައި.ސީގެ މެންބަރު ގައުމުތަށް ހިމެނޭގޮތަށް، އެ ޖަމްޢިއްޔާއިން އަލަށް ގާއިމުކޮށްފައިވާ ވިމަން ޑިވަލްޕްމަންޓް އޯގަނައިޒޭޝަން (ޑަބްލިއު.ޑީ.އޯ) ގެ މިނިސްޓްރީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަންވެސް ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ޖުލައި މަހުގެ 7 ވަނަ ދުވަހަށް މިސުރުގެ ޤާހިރާގައި ކުރިއަށް ގެންދެވިފައެވެ. މި ބައްދަލުވުމުގައިވެސް ޖެންޑަރ މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި ޑަބްލިއު.ޑީ.އޯގެ ހިންގުމާ ގުޅޭ މުހިންމު ކަންކަން ނިންމިގެންދިޔައެވެ.

އޯ.އައި.ސީގެ 'މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަންގެ 8 ވަނަ ސެޝަންއާ ގުޅިގެން ބޭއްވުނު ސައިޑް އިވެންޓްތަކުގެ ތެރެއިން، ޖުލައި 6 ގައި ބޭއްވި 'މިނިސްޓީރިއަލް އިންޓަރެކްޓިވް ޑައިލޮގް އޮން އިކޮނޮމިކް އެމްޕަވަރވަމަންޓް އޮފް ވިމެން އިން ދަ ނިއު ނޯރމަލް' ގައިވެސް މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 ގެ ހާލަތުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

ހަމަ އެހެންމެ، މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވަނީ ދިވެހިރާއްޖެއިން ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށާއި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބޭ ހިދުމަތްތައް ހަރުދަނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ 'ގެވެށި ގުޅުން' ކެމްޕޭނާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މީގެއިތުރުން، ކޮވިޑް-19 ގެ ސަބަބުންދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ހާލަތު ބަދަލުވެ، މާލޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވެ ވަޒަންވެރިވާން އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއިން ކުރިއަށްގެންދާއަހުލު' ޕްރޮގްރާމް މިނިސްޓަރ ވަނީ ފާހަގަކުރެއްވިއެވެ.

ޖުލައި 7 ވަނަ ދުވަހު ބޭއްވުނު އޯ.އައި.ސީގެ ވިމަން ޑިވެލޮޕްމަންޓް އޮރގަނައިޒޭޝަންގެ މެންބަރު ޤައުމުތުގެ މިނިސްޓީރިއަލް ރައުންޑްޓޭބަލްގައިވެސް މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅުދެއްކެވިއެވެ. މި ބައްދަލުވުމަކީ އޯ.އައި.ސީގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށްކުރާ އެންމެހައި މަސައްކަތްތަކުގައި ޑަބްލިއު.ޑީ.އޯގެ މެންބަރު ޤައުމުތަކުން ކުރާނެ މަސައްކަތްތަކާއި، އ.ދ.ގެ އެކި އެކި ޖަމުޢިއްޔާ ޖަމާޢައްތަކާ ގުޅިގެން ޑަބްލިއު.ޑީ.އޯގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ޑަބްލިއު.ޑީ.އޯގެ މިނިސްޓީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން އަދި އޯ.އައި.ސީގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން'ގެ 8 ވަނަ ސެޝަން އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ސީނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކުގައި ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ބައްދަލުވުންތަކުގެ ތެރެއިން، އޯ.އައި.ސީގެ މެންބަރު ގައުމުތަކުން އަންހެނުންގެ ތަރައްގީއަށާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ އެންމެހާ މަސައްކަތްތަކާއި ތަޖުރިބާތަކަށް ބިނާކޮށް، ހުރިހާ ގައުމުތަކެއް ގުޅިގެން، ވަށާ ޖެހިގެންވާ ނިޒާމެއްގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ހާމަވެގެން ގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.