ބާނާ މަހަށް ހަމަ އަގު ނުލިބޭކަމުގެ ޝަކުވާ އާއި، އައިސް އަޅަން ކިއޫގައި އެތަކެއް ގަޑިއިރު މަޑުކުރަންޖެހޭކަމުގެ ޝަކުވާތަކާއި، މަސް ކިރަން އެތަށް ގަޑިއިރަކު މަޑުކޮށްވެސް މަސް ނުކިރޭކަމުގެ ޝަކުވާތަކެވެ. މަސްވެރިކަން ރަނގަަޅު ދުވަސްވަރެއްގައި ނަމަ، ބާނާ މަސްކޮޅު އުކާލަންޖެހޭ ފަހަރުވެސް އަންނަނީ މަދެއް ކޮށެއް ނޫނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުތަކަށް ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ. 

އައު ސަރުކާރުވެސް ވެރިކަމާއި ހަވާލުވުމުގައި މަސްވެރިންގެ ހުރި ޝަކުވާތަކަަށް ހައްލުތައް ހޯދައިދޭނެކަމުގެ ގިނަ ވައުދުތަކެވި އެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެޖެންޑާ-19ގެ ތެރެއިންވެސް އެ ވައުދުތައްވެ، ގޭދޮށު މަސް ފެކްޓްރީ ޤާއިމްކުރުމުގެ ވައުދުވެސް، ވައުދުގެ ސިލްސިލާގެ ބޮޅުތަކެގެ ތެރެއަށް އަމުނާލި އެވެ. 

އައު ސަރުކާރަށް 2 އަހަރު ފުރިގެން ދިޔައިރުވެެސް މަސްވެރިންގެ ހުރި ޝަކުވާތަކަށް ބަދަލެއް ނާދެ އެވެ. ނަމަވެސް ކުރީގައި ފެންނަމުން ދިޔަ މަންޒަރުތަކާއި، އައު ސަރުކާރާއެކު މަސްވެރިންގެ ހުރި ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މިސްރާބުޖެހި ދިމާ ތަފާތު އެވެ. 

މަސްވެރިން ރުއްސާލުމަށްޓަކައި، ދައުލަތުގެ ކޮންމެވެސް ދިމާލަކުން ފައިސާކޮޅެއް ނެރެ، ސަބްސިޑީސްއަށް ބަޔެއް އިތުރުކޮށްލާ، މަހުގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށް ވަގުތީ ހައްލެއް ދެއްކުމުގެ ބަދަލުގައި އައު ސަރުކާރުން މިސްރާބުޖެހީ މަސްވެރިންގެ ހުރި ޝަކުވާތަކަށް ދާއިމީ ހައްލެއް ދިނުމަށެވެ. ވަގުތީ ހައްލެއްދީ މަސްވެރިންނަށް ދަޅައެއް ދައްކާލުމަކަށް ނޫނެވެ. 

މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސަރުކާރުގެ މަސް ކުންފުނި، މިފްްކޯ އޮތް ހާލަތެވެ. ޖަޕާން ސަރުކާރުން މީގެ 30 ހަކަށް އަހަރުކުރިން ހަދިޔާކުރި މިފްކޯގެ ފެކްޓްރީ އާއި ބޯޓުތައް އަދިވެސް ހުރީ ހަމަ އެގޮތުގަ އެވެ. ބޯޓުތައް ކުޑަ މިނުން މަރާމާތުކޮށްލަނީވެސް ނުދުއްވޭ ވަރުވުމުންނެވެ. މަސް ދަޅު ބަންދުކުރާ ފެކްޓްރީވެސް އޮތީ އޮތް ހާލެއްގައި އޮންނަން ދޫކޮށްލާފަ އެވެ. މަސްވެރިން ބޭނުންކުރާ އުޅުނދު ފަހަރުގައި 65 އިންޗީގެ ޓީވީ ބެހެއްޓިނަމަވެސް، އެ ފްކްޓްރީ ގަނޑު އޮތީ ޒަމާނަށް ކުޑައީންވެސް ފެތޭގޮތަކަށް ނޫނެވެ. ސްޓޯރޭޖް ފެސިލިޓީވެސް އެހާމެ ކުޑަ އެވެ. 

މަސްވެރިންގެ ހުރި ޝަކުވާތަކަށް ހައްލު ހޯދަދިނުމުގައި ދާއިމީ ހައްލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް ބުނަންޖެހޭ އެއް ސަބަބަކީ މިފްކޯ ތަރައްޤީކުރުމަށް ސަރުކާރުން ފޫގަޅާލައިފައިވާ މިންވަރު އެވެ. އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މިފްކޯގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ބޮޑުކުރުމަށް ސަރުކާރުން އެ އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސް ފެކްޓްރީ ޒަމާނާ އެއްގޮތްކޮށް، މިފްކޯގެ ބޯޓުތަކަކީ މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ފެންވަރު ރަނގަޅު އެއްޗެއްސަށް ހެދުމަށް ސަރުކާރުން އެ އަންނަނީ މަސައްކަތް ކުރަމުންނެވެ. 

މަސް ފެކްޓްރީ ފައްކާވުމުން، މަސް ބަންދުކުރާ މިންވަރު އިތުރުކުރެވި، ވެލިއު އެޑްކުރެވި މަހުގެ ބާވަތްތައް ރާއްޖެއިން ބޭރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ރާއްޖޭން ބޭރުކޮށްގެން އެކަން ކުރާކުރުން ނިމުމަކަށް އައުމުން، މަހުގެ އަގު އުފުލި މަސްވެރިޔާގެ ޖީބު ތަނަވަސްވެގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް އިއްތިފާޤްވާ ހައްލަކީ މިއީ އެވެ. ސަރުކާރުތަކުން ނުކޮށް ދޫކޮށްލި ކަމަކީވެސް މިއީ އެވެ. 

ގޭދޮށު މަސް ފެކްޓްރީ ޤާއިމްކުރުމުގެ ފުރަތަމަ ބުރު އެ އޮތީ ފަށައިގަންނަން ތައްޔާރަށެވެ. 

އިހަކަށް ދުވަހު ސަރުކާރުން ވަނީ ލޮނު ފެނުން އައިސް އުފައްދާ މެށިން ރާއްޖެ އެތެރެކުރުމުގައި ނަގާ ޑިއުޓީ މައާފުކޮށްފަ އެވެ. މިއާއެކު ކޮންމެ ދޯންޏެއްގައި އަމިއްލަ އައިސް ޕްލާންޓެއް ބެހެއްޓުމަށް މަސްވެރިން ކުރަންޖެހޭ ހަރަދު ކުޑަވެ، އެކަމުގައިވެސް ދާއިމީ ހައްލެ ލިބޭނެ ދޮރު އެ ވަނީ ކޮށާދީފަ އެވެ. 

ފެންނަން ހުރި މަންޒަރުތަކާއި، ސަރުކާރުގެ މިސްރާބަށް ބަލާއިރު، ސަރުކާރުން އޮތީ މަސްވެރިންނަށް ދަޅައެއް ދައްކާލުމުގެ ބަދަލުގައި ދާއިމީ ހައްލުތަކެއް ގެނެސްދިނުމަށްކަން އެނގެ އެވެ. މިކަމުގައި ސަރުކާރަށް އިތުރަށް ބޭނުންވަނީ މަސްވެރިންގެ އެއްބާރުލުމާއި، ސަރުކާރަށް މަގު ދައްކައިދިނުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.