ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫގެ މަސައްކަތް ސަރުކާރުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (ޢެމްޓީސީސީ) އާއެވެ.
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. މި މަޝްރޫޢުއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/Abbrj6tZh8
— MTCC Plc (@MTCCPlc) July 12, 2021
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 248 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 286 މީޓަރ އެއްގަމު ތޮށި ހެދުމާއި، 137 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1430 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 36,215 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 20 މީޓަރ ގްރޯއިން ޖެހުމާއި، 14 ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2 ނެރުބައްތި ޖެހުން ހިމެނެއެވެ.
42.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.