ގިނަ ދުވަހަށް ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެޑިޔުކޭޝަން މިނިސްޓްރީން ހަނދާނީ ފިލައެއް އަރުވައިފިއެވެ.
ރޭ އެޑިޔުކޭޝަން މިނިސްޓްރީ އަށް 88 އަހަރު ފުރުން ފާހަގަކުރުމަށް ގިޔާސުއްދީން ސްކޫލްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ހަނދާނީ ފިލާ އަރުވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ. މިއީ މިިހާރު ޚިދުމަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން 30 އަހަރަށް ވުރެ ގިނަ ދުވަހަށް ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ދީފައިވާ ހަނދާނީ ފިލައެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ، 88 އަހަރު ފުރުމުން އުފެދިފައިވާ އުފާވެރިކަމާއި ފަޚުރުވެރިކަމުގެ ޝުޢޫރުތަކާއެކު މުވައްޒަފުން ކުރި މަސައްކަތް މުހިއްމުވަނީ ކީއްވެގެންކަމާމެދު ފިކުރު ހިންގާލަންޖެހޭ ކަމަށް ބުނެފައެވެ. އަދި މިއީ ވުޒާރާ ކުރިއަށްދާނެ މިސްރާބު ކަނޑައަޅަން ރަނގަޅު ދަނޑިވަޅެއްކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުންވެސް، 88 އަހަރު ފުރުމުގެ މުނާސަބަތުގައި، މިނިސްޓްރީގެ ކުރީގެ އަދި މިހާރުގެ މުވައްޒިފުންނަށް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓްރީއެއް އުފެއްދީ 1932ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ މިނިސްޓަރަކީ އަހްމަދު ކާމިލް ދީދީއެވެ.