ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް، އަޙްމަދު ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ. 

މޭޖަރ ޖެނެރަލް ޝިޔާމްގެ މައްޗަށް ދައުވާކުރަނީ، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން އޭނާގެ ބައްޕަ ދިރިއުޅެމުން ގޮސްފައިވާތީ، މިއީ އޭނާގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ވާތީއެވެ. ޝިޔާމްގެ މައްޗަށް ކުރުމަށް އެދިފައިވަނީ ދެ ދައުވާއެކެވެ. 

އެއީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި އޭސީސީއަށް ފާހަގަކުރެވިފައިވާ ގޮތުން، އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް ޝިޔާމްގެ ބައްޕަ ދިރިއުޅެފައިވެއެވެ. އޭސީސީއިން ފާހަގަކޮށްފައިވާ ގޮތުގައި، އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައިވެސް އާންމުންނަށް ދިރިނޫޅެވޭނެއެވެ.

މީގެއިތުރުން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިރިއުޅެފައިވެއެވެ. 

"ސިފައިންގެ ޤާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެކަން އެނގެއެވެ." އޭސީސީއިން މިއަދު ނެރުނު ބަޔާނުގައިވެއެވެ.

މި މައްސަލަ ކުރިންވެސް އޭސީސީއިން ތަހުގީގުކޮށްފައިވާއިރު، އޭރު ނިންމާފައިވަނީ މި މައްސަލައިގައި ނާޖައިޒު ފައިދާއެއް ހޯދައިދީފައިނުވާކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.