ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހަ މަހުގެ މުހުލަތެއް ދީފިއެވެ.
އީސީއިން ޑީއާރްޕީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ވެއްދީ ތިން އަހަރުގެ އޮޑިޓު ރިޕޯޓާއި، އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާތީ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. އެގޮތުން، ޖޫރިމަނާގެ ގޮތުގައި 125،000 ރުފިޔާ ޑީއާރްޕީއިން އީސީއަށް ދޭންޖެހެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން، ފައިސާ ދެއްކުމަށް ތިން ފަހަރެއްގެ މަތިން ޑީއާރްޕީއަށް އީސީއިން ފުރުސަތު ދިނެވެ. ކޯޓަށް ހުށަހެޅުނު މައްސަލަ ނިންމައި ހުކުމްކުރީ މިދިޔަ ހަފްތާގައެވެ. ޑީއާރްޕީއިން ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހަ މަހުގެ މުހުލަތެއް ދިނުމަށް ކޯޓުން ހުކުމްކޮށްފައިވަނީ، ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުންނެވެ.
ޑީއަރްޕީއަކީ ކުރީގެ ރައީސް މައުމޫނު އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ ލީޑަރޝިޕްގައި މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.