ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި އިސްލާހާއެކު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިތުރު ބާރުވެރިކަން ލިބިގެންދާނެއެވެ. އެގޮތުން، މާރކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެ ވަސީލަތްތަކަކީ މާރކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުޞަތުތަކަށް މަގުފަހިވާ ކަމެއްކަމުގައި ފެންނަ ޙާލަތުގައި އެ ފަދަ ކަންކަން މާރކެޓަށް ތަޢާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު ސީ.އެމް.ޑީ.އޭގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެއެވެ. 

ސީ.އެމް.ޑީ.އޭގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވާ އިތުރު ބައެއް ކަންތައްތަކުގެ ތެރޭގައި ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މަޢުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އަދި އެ ކަންކަމާމެދު ޢާންމުން އަހުލުވެރިކުރުން ހިމެނެއެވެ.

މީގެއިތުރުންވެސް، ހިއްސާގެ ބާޒާރެއް ޤާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން ޢަމަލުކުރުމަށް ޤާނޫނީ ގޮތުން ހުއްދަކުރާގޮތް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި، ސްޓޮކް އެކްސްޗޭންޖް ޤާއިމްކޮށް ހިންގަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލަކީ މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަސްދީގުކުރެއްވުމާއެކު، މިހާރުވަނީ ގާނޫނަކަށްވެ ގެޒެޓުގައި ޝާއިއުކުރެވިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.