ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ކ.ގިރިފުށީގައި ސިފައިންގެ ހާއްސަ އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މަމަހުގެ 27 އިން ފެށިގެން 30ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީންތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ތަމްރީންތައް ކުރިއަށް ގެންދާނީ 27 އިން 29 ގެ ނިޔަލަށެވެ. މި ތަމްރީންގައި ސިމިއުލޭޝަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފްއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގިރިފުށީގައި ކުރިއަށްދާ ތަމްރީންތައް ކުރިއަށް ދާނީ މިމަހުގެ 28 އިން 30 ގެ ނިޔަލަށެވެ. ކޮންމެ ދުވަހަކުވެސް އިރުއޮއްސި 6:30 އިން ފެށިގެން ރޭގަނޑު 9:00 އާ ދޭތެރޭ ތަމްރީންތައް ކުރިއަށް ދާނެއެވެ.
މީގެ އިތުރުންވެސް، ގިރިފުށީގައި ކުރިއަށް ދާ ތަމްރީންތަކުގައި އޭކޭ ސީރިޒްގެ ރައިފަލްތައް ބޭނުންކުރަން ހަމަޖެހިފައިވާއިރު، މި ތަމްރީންތަކަށް 4100 މީޓަރުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ކަނޑުގެ ސަތަޙައިން ފެށިގެން 100 މީޓަރު އުސްމިނުގެ ސަރަޙައްދެއް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ވައިގެ ސަރަޙައްދަކަށް ބޭނުންކުރާނީ ގިރިފުށީ ރޭންޖުން ހުޅަނގު ދެކުނު ސަރަހައްދެވެ.
ސިފައިންގެ ހާއްސަ އަސްކަރީ ތަމްރީންތަކެއް މި މަހުގެ ކުރީކޮޅުވެސް ކުރިއަށް ގެންގޮސްފައިވެއެވެ.