ތިނަދޫއާ އިންޑިއާއާ ދެމެދު ކާގޯ ފެރީ ފެށުމުން އަތޮޅުތެރޭގެ އިގްތިސާދީ ތަރައްގީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް، އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. 

އިންޑިއާގެ ޓޫޓިކޮރިން އަދި ގދ. ތިނަދޫއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފެށުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 26 ސެޕްޓެމްބަރުގައި އިންޑިއާގެ ކޮޗިންއާ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށިގެން ދިއައެވެ. 

އޭގެ ދެ މަސް ފަހުން އައްޑޫއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއަދު ރަސްމީކޮށް ޓުޓިކުރިންއާއި ތިނަދޫއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު، މިނިސްޓަރ ނަހުލާ ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ދެކުނާއި އިންޑިއާއާ ގުޅާލުމެވެ. މީގެ ސަބަބުން އަތޮޅުތެރޭގެ އިގްތިސާދީ ތަރައްގީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީކޮށްފައިވާ ބަނދަރުތަކުން ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. މިއަދު އެ ރިޔާސީ ވައުދުގައި ކުލަ ޖެހިފައިވާއިރު، މި ހިދުމަތުގެ ސަބަބުން މި އަތޮޅުގެ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާތަކެއް ވާނެއެވެ. މިނިސްޓަރ ނަހުލާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނު މިހާރު އިންޑިއާއާ ގުޅާލެވިފައިވާއިރު މިއީ އަތްފޯރާފަށުގައި މުދާ އެތެރެކުރުމަށް ހުޅުވިގެން ދިޔަ މައި ދޮރެކެވެ.

އިންޑިއާގެ ޓޫޓިކޮރިން އަދި ގދ. ތިނަދޫއާ ދެމެދު ސީދާ ކާގޯ ދަތުރުތައް މިއަދު ފަށައިފައިވާއިރު މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ "އެމްވީ ބޮންތި" ތިނަދޫގައި ޑޮކް ކޮށްފައިވަނީ މިއަދުއެވެ. އެމްއެސްއެސްގެ ބޯޓު ތިނަދޫގައި ބަނދަރުކުރީ 400 ޓަނުގެ މުދަލާއެކުއެވެ. އިންޑިއާ އަދި ތިނަދޫއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފެށިގެންދިޔުމަކީ ދެކުނު އަތޮޅުތަކުގެ އިގްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވިއްކާ މުދަލުގެ އަގު ވެސް މިކަމުގެ ސަބަބުން ހެޔޮވެގެންދާނެއެވެ.

މިއަދު ކާގޯ ދަތުރުތައް ފެށިގެންދިޔައިރު މި ރަސްމިއްޔާތުގައި ވަނީ ތިނަދޫގައި ރީޖަނަލް ޕޯޓެއް ގާއިމްކުރުމަށް ވެސް ސޮއިކުރެވިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.