އިންޑިއާގެ ޓޫޓިކޮރިން އަދި ގދ. ތިނަދޫއާ ދެމެދު ސީދާ ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ.
އެގޮތުން މިއަދު މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ "އެމްވީ ބޮންތި" ވަނީ ތިނަދޫގައި ޑޮކް ކޮށްފައެވެ. މި ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލި އޭވިއޭޝަން އައިޝަތު ނަހުލާއެވެ. އެކަމަނާގެ އިތުރުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެމްޑީ ހުސައިން އަމްރު އާއި އެމްއެސްއެސްގެ އެމްޑީ އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ތަމްސީލްކުރައްވާ ދެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު އެމްއެސްއެސްގެ ބޯޓު ތިނަދޫގައި ބަނދަރުކުރީ 400 ޓަނުގެ މުދަލާއެކުއެވެ. އިންޑިއާ އަދި ތިނަދޫއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފެށިގެންދިޔުމަކީ ދެކުނު އަތޮޅުތަކުގެ އިގްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވިއްކާ މުދަލުގެ އަގު ވެސް މިކަމުގެ ސަބަބުން ހެޔޮވެގެންދާނެއެވެ.
މިއީ އިންޑިއާ އާ ސީދާ ކާގޯ ދަތުރުތައް ފެށިގެންދިޔަ ރާއްޖޭގެ ތިންވަނަ ސަރަހައްދެވެ. އެގޮތުން މީގެކުރިން ވަނީ އައްޑޫ ސިޓީ ރީޖަނަލް ޕޯޓާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި އިންޑިއާ އާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފަށާފައެވެ. މިއަދު ކާގޯ ދަތުރުތައް ފެށިގެންދިޔައިރު މި ރަސްމިއްޔާތުގައި ވަނީ ތިނަދޫގައި ރީޖަނަލް ޕޯޓެއް ގާއިމްކުރުމަށް ވެސް ސޮއިކުރެވިފައެވެ.