މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ގޮތަށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެފަދަޔަކުން، ދިވެހިރާއްޖޭގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ އުޞޫލުން ކުރިއަށް ގެންދެވުމަށްޓަކައި އުފެއްދި ކުންފުންޏެކެވެ. 

އެހެން ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ކުންފުނީގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމާއި ހަމަޔަށް އެމްއާރުޑީސީގެ ހަރަކާތްތައް ފެނިގެންދިޔައީ ކުންފުނި އުފެއްދި މަގްޞަދުތަކާއި ޚިލާފަށް މުޅިން ވެސް ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދުމަށް ބޭނުންކުރި ތަނެއްގެ ގޮތުގައެވެ. ސިޔާސީ ރެލީތަކަށް ތައްޔާރުވުމުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިކުރުވިއެވެ. އެ ކުންފުނީގެ ވެހިކަލްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރީ ވަކި ބަޔެއްގެ މަންފާއަށެވެ. ސަރުކާރުން ހަވާލުކުރި ގިނަ ޕްރެޖެކްޓްތައް ކުރިޔަށް ކަނޑާގޮތެއް ނުވިއެވެ. މިފަދަ އެކިއެކި ސަބަބުތަކާއި ގުޅިގެން އެ ކުންފުންޏަށް އެތަކެއް ތުހުމަތުތަކެއް ކުރެވުނެވެ. 

މިއަދު އޮޑިޓަރ ޖެނެރަލް އާއްމުކުރެއްވި 2015 އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމަޔަށް އެ ކުންފުނީގެ ޕްރޮކިއުމަންޓާއި ގުޅޭ ޚާއްސަ ރިޕޯޓުގައި ވެސް ވަނީ އެތަކެއް މިލިއަން ރުފިޔާގެ ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައެވެ. މިއީ ހަމަ ސީދާ ކަނޑައެޅިގެން އެ ކުންފުނީގެ މެނޭޖްމަންޓަަށް އެނގި ތިބޭ ރޯމާއި ދުވާލު ހިންގާފައިވާ ބޮޑެތި ޖަރިމާތަކެކެވެ. 

އެގޮތުން ބަލާއިރު ރ. މީދޫ އާއި ރ. އުގޫފާރު އަދި ބ. އޭދަފުށީގެ އިތުރުން އދ. މަހިބަދޫގެ މަގުތައް ހެދުމަށް 2016 ވަނަ އަހަރު އެ ކުންފުންޏާއި ހަވާލުކުރެވުނު މަސައްކަތްތައް ކުރުމަށް މި ރަށްރަށަށް ގެންގޮސްފައިވަނީ އަމިއްލަ ކުންފުންޏެއްގެ ވެހިކަލްތަކެކެވެ. މި ވެހިކަލްތައް ގެންގޮސްފައިވަނީ ދުވަހު ކުއްޔަށް ބޭނުންކުރާ ގޮތަށެވެ. އެގޮތުން ގެންދިޔަ ބައެއް ވެހިކަލްތައް އެއްވެސް ވަރަކަށް ބޭނުންކޮށްފައިވެސް ނުވެއެވެ. އޮޑޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވާ ގޮތުގައި މި ވެހިކަލްތައް ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ހުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 5،532،887 (ފަސް މިލިއަން ފަސް ލައްކަ ބައްތީރިސް ހާސް އަށް ސަތޭކަ އައްޑިހަ ހަތް ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. 

ހަމައެހެންމެ މި ވެހިކަލްތައް ކުއްޔަށް ހިފާފައިވަނީ އެއްވެސް ވަރަކަށް މަގު ހެދުމުގެ އެހެނިހެން މަސައްކަތްތައް ކުރުމުގެ ކުރިން ކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި އެއްބަސްވުމާއި ޚިލާފަށް ދެ ވެހިކަލް ފިޔަވައި އެހެން ހުރިހާ ވެހިކަލެއްގެ ވެސް 'ވެހިކަލް ލޮގް' ހުށަނާޅަނީސް ފައިސާ ދޫކޮށްފައިވެއެވެ. މީގެއިތުރުން މި 9 ވެހިކަލްގެ ތެރެއިން 5 ވެހިކަލް ފިޔަވައި އެހެން ވެހިކަލްތައް ކުއްޔަށް ހިފާފައިވަނީ އާއްމު އުސޫލާއި ޚިލާފަށް އިއުލާން ނުކޮށެވެ. 

އެމްއާރުޑީސީއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެ ކުންފުންޏަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް 5،000 މެޓްރިކް ޓަނުގެ ސިމެންތި ފޯރުކޮށްދިނުމަށް ކުންފުންޏަކާއި ހަވާލުކޮށްފައިވެއެވެ. މިކަމުގައި ވެސް ސީދާ ކުންފުންޏަށް ގެއްލުން ލިބޭނެ ފަދަ ގޮތަކަށް އަމަލުކޮށްފައިވާކަން ފެންނަން އެބައޮތެވެ. އެގޮތުން އެކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ހުއްދަ ދެއްވައިގެން މި މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެޑްވާންސަށް 10 މިލިއަަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ސިމެންތި ސަޕްލައި ކޮށްދިނުން ލަސްވުމުގެ ސަބަބުން އެއްބަސްވުމުގައި ވާ ގޮތަށް ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އަރާ އެއް މިލއަން ރުފިޔާ ވެސް އެކުންފުނިން ހޯދާފައިނުވެއެވެ. 

އެ ކުންފުނީގެ އޭރުގެ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން 200 ޓަނުގެ ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހަވާލުކުރި ކުންފުންޏަށް ވެސް މަސައްކަތުގެ އަގުގެ %15 އެޑްވާންސްގެ ގޮތުގައި ދޫކުރުމުގެ ބަދަލުގައި ވަނީ %50 އެޑްވާންސަށް ދޫކޮށްފައެވެ. އަދި މި ފައިސާ ވީނުވީއެއް ނޭނގި ގެއްލިގެންދިޔައީ ލޭންޑިންގ ކްރާފްޓް ހޯދުމަށް އެއްބަސްވި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އެމްއާރުޑީސީއިން އުވާލުމާއި ގުޅިގެންނެވެ. މިކަމުގެ ސަބަބުން ގެއްލިގެންދިޔައީ 7،494،200 (ހަތް މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ހަތަރު ހާސް ދުއިސައްތަ) ރުފިޔާއެވެ. މިއަދާ ހަމަޔަށް ވެސް މި ފައިސާ ލިބިފައިނުވާއިރު މިކަމާ ގުޅޭ ދެ މައްސަލައެއް ރާއްޖޭގެ ދެ ކޯޓެއްގައި އަންނަނީ ހިނގަމުންނެވެ. 

މަގުތައް ހެދުމަށް ބޭނުންވާ އިންޓަރލޮކިންގ ޒިގްޒެގް ގާ ހޯދުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރި މަސައްކަތުން ވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް ގެއްލިގެންގޮސްފައެވެ. އެގޮތުން ފައިސާ ދައްކަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އެކުންފުނިން 2،290،459 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ހާސް ހަތަރު ސަތޭކަ ފަންސާސް ނުވައެއް) ރުފިޔާ ދައްކާފައިވެއެވެ. އަދި ދެވަނަ ފަހަރަށް އިއުލާންކުރުމެއް ނެތި ދެވަނަ ފަހަރު މަސައްކަތް ހަވާލުކުރި ދެ ކުންފުންޏަކީ ވެސް ގުޅުން އޮތް ދެ ކުންފުނިކަން ވަނީ ހާމަވެފައެވެ. 

މި އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އާންމު ބީލަމުގެ އުސޫލުގެ ބޭރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި މަސައްކަތްތަކުގެ ޖުމްލަ އަގަށްވާ 7،121،684 (ހަތް މިލިއަން ސަތޭކަ އެކާވީސް ހާސް ހަ ސަތޭކަ އައްޑިހަ ހަތަރު) ރުފިޔާ ދޫކޮށްފައިވެއެވެ. މީގެތެރެއިން ވެސް ދަރުބާރުގެ މަރާމާރުކުރުމަށް 5.2 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ކުންފުންޏަކާއި ހަވާލުކޮށްފައިވެއެވެ. އަދި އެކި މަސައްކަތްތައް ކުރުމަށް ހަވާލުވި ބައެއް ފަރާތްތަކަށް އެޑްވާންސްގެ ފައިސާގެ އުސޫލުގެ ބޭރުން 1،620،449 (އެއް މިލިއަން ހަ ސަތޭކަ ވިހި ހާސް ހަތަރު ސަތޭކަ ސާޅިސް ނުވައެއް) ރުފިޔާ ދޫކޮށްފައިވެއެވެ. 

އެއްބަސްވުމެއް ނަހަދައި ގާތްގަނޑަކަށް ހަތް ލައްކަ ފަންސާސް ހާހަށްވުރެ އިތުރުވާ މަސައްކަތެއް ކުރުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކުރި ކަމަށް ވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ބަޔަކާއި 1.2 މިލިއަން ޑޮލަރަށް ހަވާލުކުރީ ވެސް އާއްމު އުސޫލުގެ ބޭރުންނެވެ. މި މަޝްރޫއު ކުރިޔަށް ނުގެންދެވުނު އިރު މިކަމުގެ ސަބަބުން އެ ކުންފުންޏަށް 6،171،453 (ހަ މިލިއަން ސަތޭކަ ހަތްދިހަ އެއް ހާސް ހަަތަރު ސަތޭކަ ފަންސާސް ތިނެއް ) ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އޭގެ އިތުރުން އެ މަޝްރޫއުއާ ހަވާލުވި ކުންފުންޏަށް އައިޑަލް ކްލެއިމްގެ ގޮތުގައި 3.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިއިރު 150 ހާސް ޑޮލަރު ދޫކުރަން ޖެހޭ ޚަރަދަކަށް އެ ކުންފުނިން އިތުރަށް 125 ހާސް ޑޮލަރު ދޫކޮށްފައިވެއެވެ. 

އެމްއާރުޑީސީއިން ރަށްރަށުގައި ކުރިޔަށް ގެންދިޔަ ބައެއް ޕްރޮޖެކްޓްތައް މެއިން ކޮންޓްރެކްޓަރގެ އަގަށްވުރެ ބޮޑު އަގެއްގައި ސަބް ކޮންޓްރެކްކޮށް ހަވާލުކުރުމުގެ ސަބަބުން އެކުންފުންޏަށް 1.65 މިލިއަން ރުފިޔާގެ ގެއްލުން ވެސް ވެފައިވެއެވެ. ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫއު 21 މަސް ދުވަހު ލަސްވެ ގޮސް އެންމެފަހުން މަސައްކަތް ހުއްޓުމާއި ހަމަޔަށް އެ މަސައްކަތާއި ހަވާލުވި ކުންފުންޏަށް އެމްއާރުޑީސީއިން 15.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ހަމައެހެންމެ އެ ކުންފުނިން ހަ ރަށެއްގައި ހެދުމަށް ހަވާލުވި ޖެޓީތަކުގެ ތެރެއިން ހަތަރު ރަށުގެ ޖެޓީ ނުނިމިހުރިއިރު ސަބް ކޮންޓްރެކްޓަށް މި މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަސައްކަތުގެ ޖުމްލަ އަގު ކަމަށްވާ 11.3 މިލިއަން ރުފިޔާގެ ތެރެއިން %67 އިންސައްތަ ދޫކޮށްފައިވެއެވެ. 

މި ފާހަގަކޮށްލެވުނު ހުރިހާ ކަމެއްގައި ވެސް 'ކޮމަން ޑިނޯމިނޭޓަރ' އެއްގެ ގޮތުގައި އެއް ކަމެއް ފާހަގަކުރެވެއެވެ. އެއީ މި ހުރިހާ ކަމަކީ ވެސް އަދި މި ހުރިހާ ފައިސާއެއްގެ ގެއްލުން ކުންފުންޏަށް ވެފައިވަނީ ވެސް އެ ކުންފުނީގެ އޭރުގެ މެނޭޖްމަންޓްގެ އިހުމާލުން ކަމެވެ. އުސޫލްތަކާއި ޚިލާފަށް، އުސޫލުތަކުގެ ބޭރުން ފައިސާ ދޫކޮށް، އެއްބަސްވުންތަކާއި ޚިލާފްވުމުގެ ސަބަބުން ސަރުކާރު ހިއްސާވާގޮތަށް އޮތް އެ ކުންފުންޏަށް 2015 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު އެކަނި ވެސް 50 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަން ހާމަވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.