ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު މި ގާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ގޮތުގައި ރައީސް ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެއެވެ. މީގެއިތުރުންވެސް، މި ބިލުގެ ދަށުން އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުޙަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިޚްތިޔާރުވެސް ރައީސްއަށް ދެއްވާފައިވެއެވެ.
މި ބިލުގެ ދަށުން ސިންގަލް-ޔޫޒް ޕްލާސްޓިކް ގޮތުގައި ރައީސް ކަނޑައަޅުއްވާ ތަކެތި 2021 ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ. އަދި ލިސްޓުގައި ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީހުވެސް ލިސްޓާއެކު ގެޒެޓުކުރަންޖެހޭނެއެވެ.
މި ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ އުވުނީކަމުގައި ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މި އަހަރުގެ ޑިސެންބަރު 7 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.