ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ. މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވެފައިވަނީ 4 ޙާފިޡުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. 

މިއަހަރުގެ ގައުމީ އިނާމް ދިނުމުގެ ޖަލްސާ އޮންނާނީ 26ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާ 26ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިންގެ އެއްބައިވަންކަމުގެ ދުވަހާއި ގުޅުވައިގެންނެވެ. ގައުމީ އިނާމަށް މިއަހަރު ހުށަހަޅާފައިވަނީ 94 ފޯމެކެވެ. ގައުމީ އިނާމް އެންމެ ފުރަތަމަ ދެވުނީ އާންމު ހިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. ގައުމީ އިނާމުގެ ނަމުގައި މި އިނާމް ދެވެން ފެށުނީ 2009 ވަނަ އަހަރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.