އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ލައިވް ޓީވީގައި ކޮވިޑް 19 ގެ ވެކްސިން ޖައްސަވައިފިއެވެ.
އެމެރިކާގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން އަންނަނީ ވެކްސިން ޖަހަމުންނެވެ. އެގޮތުން އެގައުމުގައި ނައިބް ރައީސް މައިކް ޕެންސް އާއި ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ނެންސީ ޕެލޯސީ ވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ.
ބައިޑެން ޖެއްސެވި ވެކްސިންއަކީ ފައިޒަރ ކުންފުނިން އުފެއްދި ވެކްސިންއެވެ. އެ ކުންފުނީގެ އިތުރުން މޮޑާނާ ކުންފުނިން އުފެއްދި ވެކްސިންއަށް ވެސް އެމެރިކާގެ އިދާރާތަކުން ހުއްދަ ދީފައިވާއިރު މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ މީހުންނަށް އެގައުމުގައި ވެކްސިން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވެކްސިން ޖެއްސެވުމަށްފަހު ބައިޑެން ވިދާޅުވީ އެމަނިކުފާނު އެގޮތަށް ލައިވް ޓީވީގައި ވެކްސިން ޖެއްސެވީ އެންމެނަށް ވެސް ވެކްސިން ޖެހުމުގެ ހިތްވަރު ދިނުމަށް ކަމަށާއި އެކަމުގައި ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެމެރިކާގައި ވެކްސިން ޕްރޮގްރާމް ފެށިގެން ދިޔުމާއެކު އޭގެ ކްރެޑިޓް ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރަށް ވެސް ދެއްވަން ޖެހޭ ކަމަށެވެ.
ބައިޑެންގެ ޓީމުން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ޑޯޒްގެ ވެކްސިން ދިނުމަށް އަމާޒު ހިފާފައެވެ. އެމެރިކާއަކީ މި ބަައްޔަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެ އެންމެ ގިނަ މީހުން މަރުވި ގައުމެވެ.