އެކްޓަރ އިމްރާން ހާޝްމީގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
މީގެ އެއްދުވަސްކުރިން އިމްރާން އޭނާގެ އިންސްޓަގްރާމުގައި ވަނީ ޖިމްއެއްގައި ހުސްގަޔާ ނަގާފައި ހުރި ފޮޓޯއެއް ހިއްސާކޮށްފައެވެ.
ޚާއްސަކޮށް އަންހެން ކުދިން އަޅައިގަންނަ ގިނަ ސިފަ ތަކެއް ލިބިފައިވާ އިމްރާން ގެ މި ފޮޓޯގައި އޭނާގެ ހަށިގަނޑު ފެނިގެންދަނީ ވަރަށް ފިޓް ކޮށް ހުއްޓައެވެ. އަދި މި ފޯޓޯގައި އޭނާގެ ސިކް ޕެކް ވެސް ފެނިގެންދެއެވެ.
ފޮޓޯގެ ކެޕްޝަންގައި އިމްރާން ލިޔެފައިވަނީ މިއީ އަދި ފެށުމެއް ކަމަށެވެ.
ކޮންމެއަކަސް އިމްރާންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން "ޓައިގާ" ފްރެންޗައިސްްގެ ތިންވަނަ ބައި "ޓައިގާ 3" ގައި ނެގެޓިވް ރޯލުން ފެނިގެންދާނީ އިމްރާން އެވެ.
އެ ރޯލަކީ ޕާކިސްތާނުގެ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއެސްއައި) ގެ އޭޖެންޓެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމަށް ސޮއި ކުރުމުގެ ކުރިންވެސް ފިލްމާއި މެދު ވަރަށްބޮޑަށް އެކްސައިޓެޑް ވެފައި ހުރި ކަމަށް އިމްރާން ވަނީ ބުނެފައެވެ.
އިމްރާން ބުނެފައިވަނީ "ޓައިގާ 3" ގައި މަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށާއި، ސަލްމާން އާއި އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުން ވަރަށް އުފާވާ ކަމަށެވެ. އަދި ސަލްމާން އާއި އެކު މަސައްކަތް ކުރުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގތަކަށް ވާން އުޅޭ ކަމަށް އިމްރާން ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮވިޑާއި ގުޅިގެން "ޓައިގާ 3" ޝޫޓިންތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިމަހުގެ ފަހުކޮޅު އަލުން ޝޫޓިންތައް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.
މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް އެވެ.