ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވުމުން ކުރާ ޖޫރިމަނާ ބޮޑުކޮށްފިއެވެ. އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު އުސޫލެއްގައެވެ.
އެގޮތުން "އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާއި ޚިލާފުވާ ފަަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" މިއަދު ވަނީ އާއްމުކޮށްފައެވެ. އެ އުސޫލުގައި ވަނީ މި އެންގުންތަކާއި ޚިލާފުވާ އާއްމު ފަރާތްތަކާއި އަދި ގާނޫނީ ޝަހުސްތައް ޖޫރިމަނާކުރެވޭނެ އެންމެ ކުޑަ އަދި ބޮޑު އަދަދުތައް ހާމަކޮށްފައެވެ.
އާއްމު ފަރުދެއްނަމަ:
- ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރުން
- ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާކުރުން
- ތިންވަނަ ފަހަރު 7,500 ރުފިޔާއިން ޖޫރިމަނާކުރުން
- ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާކުރުން
ގާނޫނީ ޝަހުސެއްނަމަ:
- ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާކުރުން
- ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާކުރުން
- ތިންވަނަ ފަހަރު 50,000 ރުފިޔާއިން ޖޫރިމަނާކުރުން
- ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާކުރުން
- ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރުން
މި އަދަދުތައް މިހެން ހުރި ކަމުގައިވީ ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ ފުރަތަމަ ފަހަރުވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ދީފައެވެ.
މި އުސޫލުގެ ދަށުން ކަރަންޓީނާއި ޚިލާފުވާ ފަރާތްތަކާއި، މޮނިޓަރިންގ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ހުއްދަ ނުލައި ވަދެ ނުކުންނަ ފަރާތްތަކާއި ބަލި ޖެހިފައިވާ ކަމުގެ މައުލޫމާތު ސިއްރުކުރާ ފަަރާތްތަކާއި އަދި ރާއްޖެއަށް ބައްޔެއް ޖެހިފައިވާ މީހަކު އެތެރެވުމަށް މަގުފަހިކޮށްދޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅިގެންދާނެއެވެ. އަދި މި ފިޔަވަޅުތައް އަޅައި ތަންފީޒްކުރަމުންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށް ވަނީ ބަޔާންކޮށްފައެވެ.