މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ކޮވިޑް-19 ވެކްސިން ރައްކާކުރާނެ ނިޒާމް ގާއިމްކުރާނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ. ޑރ.ނަޒްލާ މިހެން ވިދާޅުވީ ރޭ އެޗްއީއޯސީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އެހީތެރިކަމާއެކު ވެކްސިން ރައްކާކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ވެކްސިން ރައްކާކުރުމަށް ބޭނުންވާ ރެފްރިޖަރޭޓަރ ގެނެސް ބެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސާނެކަން ޑރ. ނަޒްލާ އިއުލާންކުރެއްވިއެވެ.

މީގެއިތުރުންވެސް، ކޮންމެ ރަށެށްގައި ވެކްސިން ޖަހައިދިނުމަށް ވަކި ބަޔަކު ހާއްސަކުރުމަށްވެސް ނިންމާފައިވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެވެ. މިގޮތުން، ވެކްސިން ޖަހާފަރާތްތަކާއި ޑޮކްޓަރުންނާއި ނަރުހުންނަށްވެސް ވެކްސިންގެ ސައިޑްއެފެކްޓްސް ދެނެގަންނާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ވެކްސިނާއި ބެހޭ ހާއްސަ ޑޭޓާ ބޭސްއެއް ތައްޔާރުކޮށް ސައިޑް އިފެކްޓްސް ފެންނަ ފަރާތްތައް ރިކޯޑްކޮށް އިންވެސްޓިގޭޓް ކުރާންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވެކްސިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށާއި އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.