މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް އެނބުރިދާން މިހާރުވެސް ތައްޔާރަށް ހުންނެވިކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއިން ގެނެސްދޭ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީކޯ ވަނީ އޭނާގެ ސިޔާސީ މުސްތަގްބަލާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވީ ރައީސް ޞާލިހު އަދި ރައީސް ނަޝީދާއި އެކުގައި ކަމަށާއި އެ ބޭފުޅުންނާއި އަދިވެސް ގުޅުން އޮންނަ ކަމަށް ރީކޯ ވިދާޅުވިއެވެ. އެގޮތުން، ދާދި ފަހުން އެ ދެ ބޭފުޅުންނާއިވެސް ވަކިން ބައްދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ.
ސިޔާސީ މީހުން އެއްތަންވީމާ ދައްކާނީ ސިޔާސީ ވާހަކަކަމަށާއި އެ މޭރުމުން އެ ދެ ބޭފުޅުންނާއިވެސް ސިޔާސީ ވާހަކަތައް ދައްކަވާކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، އެމްޑީޕީއިން މޫސަ ވަކިކުރުމާއި ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން ގިނަ ވާހަކަތަކެއް ޕްރޮގްރާމްގައި ދެއްކެވިއެވެ.
"އެމްޑީޕީއިން އަޅުގަނޑު ބޭރުކުރީ"ކަމަށް ރީކޯ މޫސާ ވިދާޅުވިއެވެ. ޕާޓީ ތެރެއިން "ހާޑްކޯ" ބައެއް މީހުން މިހާރުވެސް މޫސާދެކެ ރުޅި އަންނަ ކަމަށާއި އެއީ ޕާޓީ ވިޕްލައިނާއި ހިލާފުވުމުންކަމަށް ވިދާޅުވިއެވެ. އަދި ޕާޓީ ވިޕްލައިނާއި ހިލާފުވުމުން އެކަމަށް މައާފަށް އެދިވަޑައިގެންނެވިއެވެ.
އެހެންނަމަވެސް، އެކަމުގެ ސަބަބުން ޕާޓީއިން ވަކި ކުރަންޖެހޭކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވިއެވެ. ވިޕްލައިނާއި އިތުރު 5 މީހަކު ހިލާފުވިއިރު، ވަކިކުރީ މޫސާއެކަނިއެވެ. ރީކޯ މޫސާ ތުހުމަތުކުރައްވާ ގޮތުގައި އޭގެ އަޑީގައި "އެހެންކަމެއް" އެބައޮތެވެ.
އެމްޑީޕީގެ މެންބަރުން ރީކޯ މޫސާ ގެންދަން ބޭނުންވާނަމަ ދާން ތައްޔާރަށް ހުންނެވިކަމަށާއި ޕާޓީދެކެ ނުހަނު ލޯބިވާކަމަށްވެސް ވިދާޅުވިއެވެ. ސިޔާސީ މަސައްކަތް ކުރުމަކީ ރީކޯ މޫސާ ކުރާހިތްވާކަމެއް ކަމަށާއި އެމްޑީޕީ މެންބަރުން މޫސާ ގެންދަން ބޭނުންނަމަ އެގޮތަށް ބުނާނެކަމަށް ވިދާޅުވިއެވެ. އަދި ބަލައި އަތުވެއްޖެއްޔާ ދާނެކަމަށްވެސް ވިދާޅުވިއެވެ.